ޔަހޫދީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނީ ޙަމަލާތައް މެދުކަނޑައިލުމުގެ ގޮތުން، ޙަމާސްގެ ބެލުމެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަންކުރުމާ ބެހޭ މަޝްވަރާތައް ކުރުމަށް ދެކޮޅު ހަދާ ކަމަށް ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ބުނެފިއެވެ. ނަމަވެސް ޣައްޒާގެ އާންމުންނަށް ޔަހޫދީން ދެމުންދާ ޙަމަލާތައް ހުއްޓައިލައި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވައިލުމާ ބެހޭ މަޝްވަރާތަކަށް ތައްޔާރު ކަމަށް ޙަމާސުން ބުނެއެވެ.
ޙަމާސްގެ އިސްވެރިއެއް ބަސޭމް ނައީމް ވިދާޅުވި ގޮތުގައި ފަލަސްޠީނުގެ ނަޞްލު ނައްތާލަން ޔަހޫދީން ކެނޑިނޭޅި ޣައްޒާގެ ޢާންމުންނަށް ޙަމަލާތައް އަމާޒުކުރަމުން އަންނަ ޙާލަތެއްގައި އޮއްވައި ޤައިދީން މިނިވަން ކުރުމުގެ މަޝްވަރާތަކަކަށް ނުދާނެއެވެ. ޙަމާސުން އެގޮތަށް ބުނެފައި ވަނީ ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަން ކުރުމަށް ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ހަނގުރާމަ މެދުކަނޑާލަން އެއްބަސްވާން ތައްޔާރު ކަމަށް ޔަހޫދީ ދަޢުލަތުގެ ރައީސް އައިސާކް ހަރްޒޮގް ވިދާޅުވެފައިވަނިކޮށެވެ.
ޤަޠަރާއި މިޞްރުގެ މެދުވެރިވެގެން ޔަހޫދީންނާއި ޙަމާސްއާއި ދެމެދު މީގެކުރިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ނޮވެމްބަރު މަހުގެ ފަހުކޮޅު ހަފްތާއެއްހާ ދުވަހުގެ މުއްދަތަކަށް ހަނގުރާމައިގެ ޙަމަލާތައް ވަނީ މެދުކަނޑައިލައިފައެވެ. އެ އެއްބަސްވުމުގައި ޙަމާސްއިން ވަނީ ޔަހޫދީންގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްޠީނުގެ 240 އަންހެނުންނާއި ކުޑަކުދިންގެ ބަދަލުގައި އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި 86 ޔަހޫދީ އަންހެނުންނާއި ކުޑަކުދިން ދޫކޮށްލާފައެވެ. އެ މުއްދަތުގައި ޙަމާސްއިން ވަނީ ޔަހޫދީން ނޫން 24 މީހުންވެސް ދޫކޮށްލައިފައެވެ.