ޚަބަރު

ޕީއެސްއެމްގެ މޭޔަރުންގެ ބަހުސްގައި ހުރިހާ ކެންޑިޑޭޓުންވެސް ބައިވެރިވެވަޑައިގަންނަވާނެ


  • މޭޔަރުކަމަށް 5 ކެންޑިޑޭޓުން ވާދަކުރޭ

  • ބަހުސް އޮންނާނީ ޖެނުއަރީ 6ވަނަ ދުވަހު

  • އިންތިޚާބު އޮންނާނީ ޖެނުއަރީ 13ވަނަ ދުވަހު

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން، ޕީއެސްއެމުން ބާއްވާ މޭޔަރުންގެ ބަހުސްގައި ބައިވެރިވުމުގެ ދަޢުވަތު ހުރިހާ ކެންޑިޑޭޓުންވެސް ޤަބޫލުފުޅުކުރައްވައިފިއެވެ. މި ބަހުސް އޮންނާނީ އަންނަ މަހުގެ 6 ވަނަ ދުވަހުއެވެ.

މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންފެ މެދުގައި ބަހުސް ބޭވުމުގެ މަޤުޞަދަކީ އެ ކެންޑިޑޭޓުން މާލެއާމެދު ގެންގުޅުއްވާ ވިސްނުމާއި ތަސައްވުރު އަދި ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރައްވާނެ ކަންކަމާއި ސިޔާސަތުތައް ރައްޔިތުންނާއި ހަމައަށް ތިލަކޮށްދިނުމެވެ.

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ 5 ކޭންޑިޑޭޓުންނެވެ. އީ މާލޭގެ މޭޔަރު އިންތިޚާބުގައި މިހާ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. އެ ފަސް ކެންޑިޑޭޓުންވެސް ވަނީ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ޕީއެސްއެމުން އެރުވި ދަޢުވަތު ޤަބޫލުފުޅުކުރައްވާފައެވެ.

މޭޔަރު އިންތިޚާބުގައި ވާދަކުރައްވާ ފަސް ކެންޑިޑޭޓުން:

• ކެންޑިޑޭޓް ނަންބަރު 1: ޝުޢައިބު ޢަލީ/ އަމިއްލަ ގޮތުން
• ކެންޑިޑޭޓް ނަންބަރު 2: ޙުސައިން ވަހީދު / އަމިއްލަ ގޮތުން
• ކެންޑިޑޭޓް ނަންބަރު 3: ޢާއިޝަތު ޢާޒިމާ ޝަކޫރު / ޕީއެންސީ
• ކެންޑިޑޭޓް ނަންބަރު 4: އާދަމް ޢާޒިމް / އެމްޑީޕީ
• ކެންޑިޑޭޓް ނަންބަރު 5: ސައިފް ފާތިހު / ދަ ޑިމޮކްރެޓްސް


މޭޔަރުންގެ ބަހުސްއަށް ތައްޔާރުވުމުގެ ގޮތުން، ޕީއެސްއެމްއިން ކެންޑިޑޭޓުންނާއި ބައްދަލުކޮށް، ބަހުސް ކުރިއަށްގެންދާނެގޮތުގެ މަޢުލޫމާތު ޙިއްސާކުރާނެއެވެ. އަދި ގުރުއަތު ނަގާ، ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ކެންޑިޑޭޓުންނަށް ވާހަކަ ދެއްކެވުމަށް ފުރުޞަތު ދެއްވާނެ ތަރުތީބު ކަނޑައެޅުންވެސް ހިމެނެއެވެ.

މޭޔަރުންގެ ބަހުސްގެ އިތުރުންވެސް، ކެންޑިޑޭޓުންގެ ތަޞައްވުރުގެ މަޢުލޫމާތު ގެނެސްދިނުމަށް އޮންއެއަރ ވަގުތު ޕީއެސްއެމުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހުރިހާ ކެންޑިޑޭޓުންވެސް ގެންދަނީ ފޯރިއާއެކު ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ކެމްޕެއިން ޖަލްސާތަކާއި، ޑޯޓުޑޯ ހަރާކްތަތް ދަނީ ކުރިއަށްގެންދަމުންނެވެ. މާލެއަށް މޭޔަރަކު ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.

މާލޭ މޭޔަރުގެ މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާއި ގުޅިގެންނެވެ.

މޭޔަރުގެ މަޤާމުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ 3 ގޮނޑިއެއް ހުސްވިއެވެ. އެ ގޮނޑިތަކަށް ކައުންސިލަރުން އައްޔަންކުރަން ބާއްވާ ބައި އިލެކްޝަންވެސް އޮންނަނީ ހަމަ އެދުވަހުއެވެ.