ޚަބަރު

18 ހާސް މެންބަރުންނާއެކު، 4 ވަނައަށް މެންބަރުން އެންމެގިނަ ޕާޓީއަކަށް ޕީއެންސީ


  • އީސީން ވިދާޅުވީ ޕީއެންސީގެ މެންބަރުންގެ ޢަދަދު 18ހާހުން މައްޗަށް އަރާކަމަށް

  • އެޕާޓީން ގިނަ ޢަދަދެއްގެ ފޯމު ހުށައަޅަމުން އަންނަކަމަށް

  • ޕީއެންސީއަށް އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭ

ޕާޓީއަށް ވަންނަ މީހުންގެ ޢަދަދު އިތުރުވެ، 4 ވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ވެރިކަމަށްކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީ ވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް އެބައޮތެވެ. އަދި ދިހަ ހާސް މެންބަރުން ހަމަވެ، އެ 10 ސިޔާސީ ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ 6 ޕާޓީއަކަށެވެ. އަލަށް ދިހަ ހާސް މެންބަރުން ހަމަވެ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީއަކީ ޕީއެންސީއެވެ.

ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ސިޔާސީ ޕާޓީތައް
- އެމްޑީޕީ
- ޕީޕީއެމް
- ޖުމްހޫރީ ޕާޓީ
- ކޮންގްރެސް ޕާޓީ
- ޢަދާލަތު ޕާޓީ
- އެމްޑީއޭ

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، ސިޔާސީ ޕާޓީތަކާ ބެހޭ ޤަވާއިދުގައި ބުނާގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ، ބަޖެޓު ފާސްކުރާ ދުވަހާއި ހަމައަށް 10 ހާސް މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށްކަމަށެވެ. މިދިޔަ އަހަރުވެސް ދައުލަތުގެ ބަޖެޓުން ފައިސާ ދިނީ 6 ސިޔާސީ ޕާޓީއަކަށްކަން ފާހަގަކުރައްވަމުން ހަބީބު ވިދާޅުވީ، މިއަހަރު ފައިސާ ލިބޭ ލިސްޓަށް އައި ބަދަލަކީ، މިދިޔަ އަހަރު ފައިސާ ލިބުނު އެމްއެންޕީގެ މެންބަރުންގެ ޢަދަދު މަދުވެ އެ ލިސްޓުން އުނިވެފައިވުމެވެ. އަދި ޕީއެންސީގެ މެންބަރުންގެ ޢަދަދަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނަމުންދާކަަމށާއި، އެޕާޓީން ހުށައަޅާފައިވާ ފޯމުތަކުގެ ޢަދަދު 18 ހާހުން މައްޗަށް އަރާކަމަށް ޙަބީބު ވިދާޅުވިއެވެ.

އެ ފޯމުތައް ޕްރޮސެސްކުރުމުގެ މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވަމުން ހަބީބު ވިދާޅުވީ، އެ ޢަދަދުތަކަށް ރިޔާއަތްކުރާއިރު، 4 ވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ޕީއެންސީ ވެގެންދާކަމަށެވެ. މީގެ ކުރިން 4 ވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަކަށް އޮތީ އަދަލަތު ޕާޓީއެވެ. ނަމަވެސް އެޕާޓީއަށްވުރެ ޕީއެންސީގެ މެންބަރުންގެ ޢަދަދު މިހާރު އިތުރުކަން ހަބީބު ފާހަގަކުރެއްވިއެވެ.

ހަބީބު ވިދާޅުވީ، ޢާންމުގޮތެއްގައިވެސް ވެރިކަންކުރާ ޕާޓީއަށް މެންބަރުން އަބަދުވެސް އިތުވާކަމަށެވެ. މީގެ ތެރޭގައި އަލަަށް ސިޔާސީ ޕާޓީއާ ގުޅޭ މީހުންނާއި، ޕާޓީ ބަދަލުކުރާ މީހުންވެސް ހިމެނޭކަމަށް ހަބީބު ވިދާޅުވިއެވެ.

"ލިބިފަހުރި ފޯމްތަކަށް ބަލާއިރު އަށާރަވަރަކަށް ހާސް ފޯމު ޖުމްލަ އެބަވޭ. ޝަކުވާ ކަންތައް ނިމުނީމަ އެ ޢަދަދު ކޮންފަރމް ވާނީ. އެޕާޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް އެބައާދޭ. އެމްޑީޕީންވެސް އެބަ ހުށައަޅާ ފޯމު. އެންމެ ފަހުން ފަންސާސް ހަހާސް މީހުން ތިބި. އެ ޢަދަދު 58 ހާހަށް ނޫނީ 60 ހާހާ ގާތްކުރާ ޢަދަދަކަށް އަރާނެކަމަށް ލަފާކުރެވޭ. ޖޭޕީގަ އެންމެ ފަހުންތިބީ 21 ހާސް މެންބަރުން. ޕީޕީއެމްގަ 39 ހާސް މެންބަރުން. ޕީޕީއެމުންވެސް ކޮންމެވެސްވަރަކަށް ފޯމު އެބަ ހުށައަޅާ. އަދާލަތު ޕާޓީވެސް 10 ހާހުގަ އޮއްވާ އެ ޢަދަދު ނައްޓާލާ އަނެއްކާވެސް ފޯމު ހުށައަޅައިގެން 10 ހާސް ހަމަކޮށްފި. އެމްޑީއޭވެސް ދިޔައީ އެހެން."

ވެރިކަންކުރާ ޕާޓީ، ޕީއެންސީގައި މިއަހަރުގެ ފެބުރުވަރީ 21ގެ ނިޔަލަށް ތިބީ 3159 މެންބަރުންނެވެ. ނަމަވެސް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވުމާއި ގުޅިގެން އެޕާޓީއަށް މެންބަރުން އިތުރުކުރުމަށް އިސްކަންދެއްވައިގެން ޚާއްޞަ މަސައްކަތްތަކެއް ކުރެއްވިއެވެ.

ޕީއެންސީން ބުނެފައިވަނީ އެ ޕާޓީގެ ޢަމާޒަކީ މިއަހަރު ނިމުމުގެކުރިން ތިރީސް ހާސް މެންބަރުން ހަމަކުރުންކަމަށެވެ.