ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަ ޙައްޖު ޖާގައަށް އެދި ހުށައެޅުމުގެ ފުރުސަތު ޙައްޖު ކޯޕަރޭޝަނުން އަލުން ހުޅުވާލައިފިއެވެ.
ޙައްޖު ކޯޕަރޭޝަނުން ޢާއްމުކުރި ޢިއުލާނެއްގައި ވިދާޅުވީ މިފުރުސަތު އަލުން ހުޅުވާލީ 1445 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް ގެންދިޔުމަށް ލިބޭ ޙައްޖު ކޯޓާ އެއްކޮށް އެކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންކަމަށެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަނަށް ލިބޭ ޙައްޖު ކޯޓާގެ ތެރެއިން %5 އަކީ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ މީހުންނަށް ޚާއްޞަ ޖާގަކަމަށެވެ. މީގެ ކުރިން އަމިއްލަ ބައެއް ކުންފުނިތަކަށް ޙާއްޖު ކޯޓާ ދިންނަމަވެސް، މީގެ ފަހުން ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދޭން ސަރުކާރުން ނިންމި ނިންމުމާއެކު ޙައްޖަށް ގެންދެވޭ ބަލި މީހުންގެ ޢަދަދުވެސް އިތުވާނެކަމަށް އެކުންފުނިން ބުންޏެވެ. މިގޮތުން ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ 50 މީހުންނަށް ޖާގަ ދޭނެކަމަށް އެކުންފުނިން ބުންޏެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ މިއުސޫލުގެ ދަށުން މިދިޔަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހާއިހަމައަށް ޙައްޖު ކޯޕަރޭޝަންގެ ޙައްޖު ޖާގަ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފުރާނައަށް ނުރައްކާވާ ފަދަ ބަލިތައް ތަޙައްމަލުކުރަމުންދާ މީހުން ޚާއްސަ ޖާގައަށް އެދި ހުށައެޅުމަށް ހުޅުވާލާކަމަށެވެ. މިގޮތުން ހުށައެޅުންތައް ބަލައިގަނެވޭނެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 14:00އަށްކަމަށް ޙައްޖު ކޯޕަރޭޝަނުން ބުންޏެވެ. އަދި ޚާއްސަ ޖާގައަށް އެދި ނޮވެމްބަރު މަހުގައި އެދުނު ފރާތްތަކުން އަލުން ފޯމު ހުށައަޅަން ނުޖެހޭނެކަމަށްވެސް އެކޯޕަރޭޝަނުން ބުންޏެވެ.
ޢާއްމު މަޢުލޫމާތު
— Maldives Hajj Corporation Limited (@Hajjcorporation) December 18, 2023
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޙާއްސަ ޙައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލުންhttps://t.co/s0OQUSROny
ޚާއްސަ ޖާގަތަކަށް އެދި ހުށައަޅާއިރު ހުށައަޅަންވާނީ ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ޚާއްސަ ޖާގައަށް އެދޭ ފޯމާއެކުގައިކަމަށެވެ. މިފޯމް ޙައްޖު ކޯޕަރޭޝަންގެ ވެބްސައިޓުގައި ހުންނާނެކަމަށް އެކޯޕަރޭޝަނުން ބުންޏެވެ. ހަމައެއާއެކު ބަލި މީހާގެ ހެލްތު ސެޓްފިކެޓްތަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް ހުށައަޅަންޖެހެއެވެ.
ރާއްޖެއިން ޙައްޖަށް ދިޔުމަށް އެދި ޙައްޖު ކޯޕަރޭޝަންގެ ރަޖިސްޓްރީގައި 6000 އަށްވުރެ ގިނަ މީހުން ތިބިއިރު މީގެތެރެއިން 4700 އަށްވުރެ ގިނަ މީހުން ތިބީ ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައެވެ. ޙައްޖަށް ދާންބޭނުންވެ ނުދެވި ތިބި މީހުންގެ ކިޔު ދިގުވެފައިވަނީ ކޯވިޑާއި ގުޅިގެން ސަޢުދީއިން ކޯޓާ 2020 ވަނަ އަހަރު ނުދިނުމާއި ޖެހިގެން އައި އަހަރު މަދު ޢަދަދަކަށް ދިނުމާއި ގުޅިގެންކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން މިމައްސަލަ ޙައްލުކުރުމަށް އިތުރު ކޯޓާ ހޯދުމަށް ސަޢުދީ ސަރުކާރާއި ވާހަކަދައްކަވަމުންދާއިރު ސަރުކާރުން މިހާރުވަނީ ރާއްޖެއަށް ސަޢުދީއިން ދޭ 1000 ކޯޓާ އެއްކޮށް ޙައްޖު ކޯޕަރޭޝަނަށް ދޭން ނިންމަވާފައެވެ. މިއާއެކު ކިޔު ކުޑަކުރެވިގެންދާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.