ވިޔަފާރި

ކުޅުދުއްފުށި އަދި ފުނަދޫގައި އެއަރޕޯޓް ހަދާނެ ފަރާތެއް ހޯދަނީ


ހދ. ކުޅުއްދުފުށި އަދި ށ. ފުނަދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯޒަލް ހުށައެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

އެގޮތުން ހދ.ކުޅުދުއްފުށި އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 62,000 އެމެރިކާ ޑޮލަރު ނުވަތަ ނުވަތަ އެއާ އެއްވަރުގެ ދިވެހި ރުފިޔާ ހުށަހަޅަންޖެހެއެވެ. އަދި ށ.ފުނަދޫ އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 60,000 އެމެރިކާ ޑޮލަރު ނުވަތަ ނުވަތަ އެއާ އެއްވަރުގެ ދިވެހި ރުފިޔާ ހުށަހަޅަންޖެހެއެވެ.

މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައި ވަނީ މި ދެރަށުގައި އެއަރޕޯޓް ތަރައްޤީކުރުމަށް ޕްރޮޕޯޒަލް ހުށައެޅޭނީ ހައުސިންގ މިނިސްޓްރީގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަނިކަމަށެވެ. އަދި މި ބީލަމުގައި ބައިވެރިވާ ބޭރުގެ ކުންފުނިތައް، އެފަރާތަށް ބީލަން ކާމިޔާބުކުރެވިއްޖެނަމަ، ހައުސިންގ މިނިސްޓްރީގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީވާން ޖެހޭނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާންގައި ވިދާޅުވެފައިވެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާގެ ނޮން - ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެކަމަށާއި، ފައިސާ ބަލައިގަންނާނީ މިމަހުގެ 10 ފެށިގެން، 18 މޭ 2016 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވެއެވެ.

ކުޅުއްދުފުށި އަދި ފުނަދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން، އެ ފަރާތްތަކުގެ ޕްރޮޕޯޒަލާއެކު، ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ، އެ ފައިސާ ދައްކައި ޚަލާޞްކޮށްފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މިރާއިން ދޫކޮށްފައިވާ ލިޔުން "ޓެކްސް ކްލިއަރެންސް ރިޕޯޓް" ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް ބަންދުނޫން 10 ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 208 ދުވަހެވެ.

މީގެ އިތުރުން ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަހެއް އިންސައްތައެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 އިންސައްތަ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން މިމަހުގެ 24 ވާ އާދީއްތަ ދުވަހު އޮންނާނެކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ބީލަން ހުޅުވުން އޮންނާނީ 19 މެއި 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ކަމަށާއި، ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިކަމަށެވެ. އަދި ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެ ކަމަށާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާންގައި ބުނެފައިވެއެވެ.