ޚަބަރު

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


  • މި ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 17ން އަންނަ މަހުގެ 18އަށް

  • އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެ

  • ސުކޫލު ދަރިވަރުން ޔުނިވަރސިޓީ، ކޮލެޖް، ޖަމިއްޔާތައް އަދި ޙާފިޡުންނަށް ބައިވެރިވެވޭނެ

  • މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 23 ފެބްރުއަރީ 2024ގައި

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތަށް ކީރިތި ޤުރްއާން ބެހޭ މަރުކަޒުން ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 17ން ފެށިގެން އަންނަ މަހުގެ 18 ނިޔަލަށެވެ. މުބާރާތުގައި ރަޖިސްޓްރީވުމަށް ހަމަޖެހިފައިވަނީ މި މުބާރާތަށް ޚާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 23 ފެބްރުއަރީ 2024 ގައެވެ.

މުބާރާތުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ޕޯޓަލް ލިންކު، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ސޯޝަލް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ވަނީ ހިއްސާކޮށްފައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ސުކޫލުތަކުގެ ދަރިވަރުންނާއި، ޔުނިވަރސިޓީތަކާއި، ކޮލެޖުތަކާއި، އިންސްޓިޓިއުޓް ނުވަތަ މަރުކަޒުތަކާއި، ޤުރްއާން ކުލާސްތަކާއި، ޙާފިޡުންގެ އިތުރުން ދީނީ ގޮތުން ހޭލުންތެރި ކުރުވުގެ މަސައްކަތްކުރާ ކްލަބު ޖަމްޢިއްޔާތަކަށެވެ.

ސްކޫލް ކުދިންގެ ބައިން ސިޓީތަކުގެ ސްކޫލްތަކުން ކޮންމެ ސްކޫލެއްގެ އަމިއްލަ ނަމުގައި މުބާރާތުގައި ބައިވެރިވެވޭނެއެވެ. އަދި ސިޓީތަކުގެ ސްކޫލްތައް ފިޔަވާ އެހެން ސްކޫލްތަކުން މުބާރާތުގައި ބައިވެރިވެވޭނީ އަތޮޅު ސްކޫލްތަކުގެ މެދުގައި ބާއްވާ އަތޮޅު މުބާރާތުން ހޮވޭ ދަރިވަރުންކަމަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ. އަތޮޅު މުބާރަތުން ޤައުމީ މުބާރަތަށް ބައިވެރިން ހޮވަނީ އަތޮޅު ކައުންސިލުންނެވެ.

މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕާއި ހާފިޒުންގެ ގޮފި އޮންނާނެއެވެ. މި މުބާރާތުގައި ކޮންމެ ބަޔަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުންވެސް މި ވަނަތައް ހޮވާނެއެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ބަޔަކުންވެސް އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމް ދެއްވާނެއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ.