ޚަބަރު

ވަޒީރުންނަށް ރުހުން ދިނުން ފަސްކޮށް، މަޖިލިސް ދަންމާލައިފި


  • މިގޮތަށް ނިންމީ މެޖޯރެޓީ ލީޑަރު އަދި މައިނޯރެޓީ ލީޑަރާ މަޝްވަރާ ކުރެއްވުމަށްފަހު

  • ރިޕޯޓް ފުރިހަމަ ނުވާކަމަށް ކަނޑައަޅުއްވާފައިވަނީ މަޖިލިސް ޤަވައިދުގެ 200 ވަނަ މާއްދާގެ ދަށުން

  • މަޖިލީހުގެ ދައުރު ދިގު ދަންމާލުމާއި މެދުގޮތެއް ނިންމުމަށް މިއަދު ވޯޓަށް އަހާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހަށް ޢައްޔަން ކުރެއްވި ވަޒީރުންނަށް ރުހުންދިނުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް ބަހުސްއަށް ހުޅުވާލުމަށްފަހު ކޮމެޓީއިން އެކުލަވާލި ރިޕޯޓް އެކުލަވާލާފައި އޮތް ގޮތުން ފުށޫއެރުންތަކެއް ހުރިކަމަށް ފެންނާތީ އަލުން ކޮމެޓީއަށް ފޮނުވައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވާފައިވަނީ ބަހުސް ކުރެއްވުމަށް ހުޅުވާލި ފުރުޞަތުގައި މެންބަރަކު ނެންގެވި ނިޒާމީ މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލައަށް ބަހުސްއަށް ހުޅުވާލުމުން ތުޅާދޫ ދާއިރާގެ މެންބަރު ހިޝާން ހުސައިން ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ، ސަރުކާރުން ވުޒާރާތަކުގެ މެންޑޭޓު ސާފުވާނެހެން މަޖިލީހަށް ފޮނުވާފައިނުވާކަމަށާ، ރުހުން ދޭއިރު އެ ރުހުން ދެވެނީ ކޮންކަމެއް ކުރަން ހަވާލުކުރެވިފައިވާ މީހަކަށްކަމެއް ރިޕޯޓްގައި އެނގެން ނެތްކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް މި މައްސަލަ، ނިޒާމީ މައްސަލައެއް ކަމަށް ބަލައިގަނެ އެރިޕޯޓް އަނބުރާ ކޮމެޓީއަށް ފޮނުވާލީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 200 ވަނަ މާއްދާގެ ވ، ރ، ކ އަދި އ ގައި ދަށުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ނުވާކަމަށް ފާހަގަކުރެއްވުމަށްފަހު، މަޖިލީހުގެ މައިނޯރަޓީ ލީޑަރު ދަ ޑިމޮކްރަޓްސް ގެ އަލީ އާޒިމް އާއި މެޖޯރަޓީ ލީޑަރު މުޙައްމަދު ރަޝީދު ޙުސައިން އާއި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ދިގު ދަންމާލުމާއި މެދު މިއަދު ވޯޓަށް އަހާނެކަންވެސް ހާމަކުރައްވާފައެވެ. މިއަދަކީ 2023 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ އެންމެ ފަހު ދުވަސްކަމަށް މީގެ ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް މި ދައުރުގެ ތެރޭގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓު ނަގަން ބޭނުންފުޅުވާކަމަށް މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވިއެވެ.