ޚަބަރު

2 ހަފްތާތެރޭގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެފި


  • މިތަކެތި އަތުލައިގަތީ ފުލުހުން، ކަސްޓަމްސް، އިމިގްރޭޝަން އަދި ކަރެކްޝަނުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި

  • ގަވައިދާއި ޚިލާފަށް އުޅެމުންދިޔަ 53 ބިދޭސީން ހިފެހެއްޓި

  • މިއީ ރައީސްގެ ޚާއްސަ އިރުޝާދާއެކު ހިންގި އޮޕަރޭޝަނެއް

2 ހަފްތާ ތެރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު އިޙްސާން ވިދާޅުވީ، މިތަކެތި އަތުލައިގަނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން ހިންގެވި އޮޕަރޭޝަނެއްގައިކަމަށެވެ.

އެގޮތުން މި އޮޕަރޭޝަންގައި ފާއިތުވި 2 ހަފްތާ ތެރޭ 5.5 މިލިއަން ރުފިޔާގެ ބަނގުރަލާއި މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤާނޫނާއި ޤަވައިދުތަކާއި ޚިލާފަށް އުޅެމުންދިޔަ 53 ބިދޭސީ މަސައްކަތްތެރިން ހިފަހައްޓާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.


ވަޒީރު އިޙްސާން ވިދާޅުވީ، މި އޮޕަރޭޝަނަކީ، ފުލުހުންނާއި، ކަސްޓަމްސްއާއި، އިމިގްރޭޝަންގެ އިތުރުން ކަރެކްޝަންގެ އެހީތެރިކަމާއިއެކު ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްކަމަށެވެ. އެހެންނަމަވެސް މި އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްޞީލެއް ވަޒީރު ހާމަކުރައްވާފައެއް ނުވެއެވެ.