ޔަހުދީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާއަށާއި ހުޅަނގު އައްސޭރިއަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް ނުފޫޒުޣޭ ބޭނުންކުރުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެންގެ އަރިހުގައި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ޙަކާން ފިދާން އެދިވަޑައިގެންފިއެވެ.
ޒަމާންތަކެއް ވަންދެން ކުރިއަށްދާ ހަމަނުޖެހުމުގައި ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ވަކާލާތުކުރާ ތުރުކީވިލާތުން އަންނަނީ ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޢުދުވާނީ ޙަމަލާތައް ކުށްވެރިކޮށް ޔަހޫދީންގެ އިސްވެރިން ބައިނަލްއަޤުވާނީ ކޯޓުތަކުގެ ކުރިމައްޗަށް ގެނައުމަށް ތަކުރާރުކޮށް ގޮވައިލަމުންނެވެ.
ބްލިންކެންއާ ބައްދަލުކުރައްވާ ފިދާން ވިދާޅުވީ ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކުގެ ސަބަބުން ޣައްޒާއާ ހުޅަނގު އައްސޭރީގެ ޙާލަތު އިތުރަށް ގޯސްވަމުންދާ ކަމަށެވެ. އަދި ހަނގުރާމަ އެއްކޮށް ހުއްޓައިލުމަށްފަހު ދެ ދަޢުލަތުގެ ޙައްލުގެ މައްޗަށް ބިނާކޮށް އިންސާފުވެރި އަދި ދެމިއޮންނަ ޞުލްޙައެއް ޤާއިމުކުރުމަށް ޔަހޫދީ ދަޢުލަތާއެކު މަޝްވަރާތައް ކުރުމުގެ މުހިންމުކަން ވެސް ފިދާން ފާހަގަކުރެއްވިއެވެ.
ޣައްޒާއަށް ދޭ ޙަމަލާތަކުގައި ޔަހޫދީ ދަޢުލަތަށް ފާޑުކީ ނަމަވެސް ތުރުކީވިލާތުން އަންނަނީ ޔަހޫދީ ދަޢުލަތާއެކު އޮންނަ ވިޔަފާރީގެ ގުޅުންތައް ދަމަހައްޓަމުންނެވެ.