އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅު ބޭއްވުމަށް ތައްޔާރުވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް) ގެ އިންތިޚާބުގައި ވާދަނުކުރައްވާނެކަން އެ އެސޯސިއޭޝަނުގެ ރައީސްކަމުގައި މި ވަގުތު ހުންނެވި ބައްސާމް އަދީލް ޖަލީލް އިއުލާން ކުރައްވައިފިއެވެ.
މިކަން ބައްސާމް އިއުލާނުކުރެއްވީ އެފްއޭއެމުގެ މީޑިއާ ގްރޫޕުގައި ހިއްސާކުރެއްވި ބަޔާނެއް މެދުވެރިކޮށެވެ. މި ބަޔާނުގައި ބައްސާމް ވަނީ ރާއްޖޭގެ ފުޓްބޯޅައަށް ފާގަތި ދުވަސްތަކެއް ހޯދައިދިނުމަކީ އޭނާގެ އުއްމީދެއް ކަމަށާއި، އެކަން ހާސިލުކުރުމަށްވެސް މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވެފައެވެ.
"ދިވެހި ފުޓްބޯޅަ އައު ޒައާމަތެއްގެ ދަށުން ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ދެކޭ ހާލު, ކުރިއަށް މިއޮތް އެފްއޭއެމްގެ އިންތިހާބުގައި އަޅުގަނޑު ވާދަނުކުރާނެކަން އިއުލާނު ކުރަމެވެ." ބަޔާނުގައި ބައްސާމް ވިދާޅުވިއެވެ.
މިނިވަން އިންސާފުވެރި އިންތިޚާބަކަށް ފުރުސަތު ދިނުމަކީ އޭނާގެ މަސްއޫލިއްޔަތެއް ކަމަށާއި، އިންތިޚާބުގެ ކަންކަން ކުރިއަށްގެންދާނީ އެ އެސޯސިއޭޝަނުގެ އިލެކްޓޯރަލް ކޮމިޓީން ކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި އެފްއޭއެމުގައި ހޭދަކުރި ދައުރުގައި އެތައް ކާމިޔާބަކާއި އެތައް ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ކަމަށް ބައްސާމް ވިދާޅުވެފައިވެއެވެ.
މި ބަޔާނުގައި ބައްސާމް ވަނީ ފުޓްބޯޅައަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެވިފައިވީ ނަމަވެސް، އަދިވެސް ރަނގަޅު ކުރަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރައްވާފައެވެ.
އެފްއޭއެމުގެ އިންތިޚާބުގައި ވާދަނުކުރައްވަން ބައްސާމް ނިންމެވިއިރު، އެފްއޭއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެ އިދާރާގެ ހިންގާ ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މިއަދުން ފެށިގެން 45 ދުވަހުގެ ތެރޭގައި އައު އިންތިޚާބެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ. އެހެންކަމުން އެގޮތަށް ހިންގާ ކޮމެޓީން ނިންމުމުން، އަންނަ ޖެނުއަރީ މަހުގެ 31 ވާ ބުދަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖައްސާ އިއުލާންކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.
އަދި އަސާސީ ގައިވާއިދުވާ ގޮތުން އިންތިޚާބަށް ޝައުގުވެރިވާ ބޭފުޅުން މަގާމުތަކަށް ކުރިމަތިލެއްވުމަށް މި މަހުގެ 27 ވާ ބުދަ ދުވަހު މެންދުރުފަހު 14:00 ގެ ކުރިން ހުށެހެޅުމަށްވެސް ވަނީ ބުނެފައެވެ. އަދި އެ އިދާރާގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިންތިޚާބުގެ އެންމެހައި ކަންކަން ކުރިއަށްގެންދަނީވެސް އެފްއޭއެމުގެ އިލެކްޓޯރަލް ކޮމިޓީގެ ފަރާތުން ކަމަށްވެސް އެ އިއުލާންގައި ވަނީ ބުނެފައެވެ.
އެފްއޭއެމުގެ އިންތިޚާބު އަންނަ މަހު ބާއްވާއިރު، އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރު ނިމެން ބާކީ ހަ މަސް އެބައޮތެވެ.
އެފްއޭއެމުގެ އައު އިންތިޚާބެއް ބާއްވަން އިއުލާންކުރިއިރު، އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ވާދަކުރައްވާނެކަން، މީގެ ކުރިންވެސް އެ މަގާމު ފުރުއްވި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙްމަދު ތޯރިގު (ޓޮމް) ވަނީ މީގެ ކުރިން އިއުލާން ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އދ. މަހިބަދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން އަންނަ ޓޮމް، އެފްއޭއެމުގެ ރައީސްގެ މަގާމުގައި މަސައްކަތްކުރެއްވީ 2016 ވަނަ އަހަރުގެ މެއި މަހު ބޭއްވި އިންތިޚާބު ކާމިޔާބުކުރައްވައިގެންނެވެ. އެކަމަކު އެ މަގާމުގައި ޓޮމް މަސައްކަތްކުރައްވާފައިވަނީ ހަތަރު މަހަށްވުރެ ކުރު މުއްދަތަކަށެވެ.
އެގޮތުން އެ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައި ޓޮމް އާއެކު އިންތިޚާބުވި ހިންގާ ކޮމިޓީގެ ފަސް މެންބަރުން އިސްތިއުފާދެއްވުމާ ގުޅިގެން، އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދާ އެއްގޮތަށް އައު އިންތިޚާބެއް ވަނީ ބާއްވާފައެވެ. އެ އިންތިޚާބުގައި ޓޮމްއާ ވާދަކުރައްވައި ކާމިޔާބު ހޯއްދެވީ މިހާރު އެ އިދާރާގެ ރައީސް ބައްސާމެވެ. އަދި ބައްސާމް މިހާރު އަންނަވަނީ އެފްއޭއެމުގެ ރައީސްގެ މަގާމުގައި ދެވަނަ ދައުރެއް ފުރުއްވަމުންނެވެ.
އެފްއޭއެމުގެ އިންތިޚާބުގައި ވާދަނުކުރައްވަން ބައްސާމް ނިންމެވިއިރު، އެ އިދާރާގެ ރައީސްގެ މަގާމުން ބައްސާމް ދުރުކުރުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކުރުމުގެ މަސައްކަތުގެ ތެރެއިން ގިނަ ކުލަބުތަކެއްގެ ސޮއި ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތައްވެސް ހިމެނެއެވެ.