ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބު އަވަސްކޮށް އަންނަ ޖެނުއަރީ މަހު 31 ވަނަ ދުވަހު ބާއްވަން އިއުލާންކޮށްފިއެވެ.
އެފްއޭއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާގެ ހިންގާ ކޮމެޓީގެ 20 ވަނަ ބައްދަލުވުމުގައި އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މިއަދުން ފެށިގެން 45 ދުވަހުގެ ތެރޭގައި އައު އިންތިޚާބެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެގޮތަށް ހިންގާ ކޮމެޓީން ނިންމުމުން، އަންނަ ޖެނުއަރީ މަހުގެ 31 ވާ ބުދަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖައްސާ އިއުލާންކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.
އަދި އަސާސީ ގައިވާއިދުވާ ގޮތުން އިންތިޚާބަށް ޝައުގުވެރިވާ ބޭފުޅުން މަގާމުތަކަށް ކުރިމަތިލެއްވުމަށް މި މަހުގެ 27 ވާ ބުދަ ދުވަހު މެންދުރުފަހު 14:00 ގެ ކުރިން ހުށެހެޅުމަށްވެސް ވަނީ ބުނެފައެވެ. އަދި އެ އިދާރާގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިންތިޚާބުގެ އެންމެހައި ކަންކަން ކުރިއަށްގެންދަނީވެސް އެފްއޭއެމުގެ އިލެކްޓޯރަލް ކޮމިޓީގެ ފަރާތުން ކަމަށްވެސް އެ އިއުލާންގައި ވަނީ ބުނެފައެވެ.
އެފްއޭއެމުގެ އިންތިޚާބު އަންނަ މަހު ބާއްވާއިރު، އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރު ނިމެން ބާކީ ހަ މަސް އެބައޮތެވެ.
އެފްއޭއެމުގެ އައު އިންތިޚާބެއް ބާއްވަން އިއުލާންކުރިއިރު، އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ވާދަކުރައްވާނެކަން، މީގެ ކުރިންވެސް އެ މަގާމު ފުރުއްވި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙްމަދު ތޯރިގު (ޓޮމް) ވަނީ މީގެ ކުރިން އިއުލާން ކުރައްވާފައެވެ.