ޚަބަރު

11 ރަށެއްގެ ބައި-އިލެކްޝަންގެ 12 ގޮނޑި ވޯޓަކާ ނުލައި ޕީއެންސީއަށް


  • 1 ގޮނޑި ލިބުނީ އަމިއްލަ ގޮތުން ވާދަކުރި ފަރާތަކަށް

  • އިލެކްޝަން ކޮމިޝަނުން އިޢުލާނުކުރީ 18 ބައި-އިލެކްޝަނެއް ބޭއްވުމަށް

  • 5 ބައި-އިލެކްޝަނަކަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވޭ

  • އަންނަ މަހު 27 ގައި 4 ބައި-އިލެކްޝަނެއް ބޭއްވުމަށްވަނީ ނިންމާފައި

ޖެނުއަރީ 13 ވަނަ ދުވަހު، އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަށް ނިންމެވި 18 ބައި-އިލެކްޝަންގެ ތެރެއިން ވޯޓަކާ ނުލައި 11 ރަށެއްގެ 12 ގޮނޑި، ވެރިކަންކުރާ މައި ޕާޓީ ޕީއެންސީއަށް ކަށަވަރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން 18 ރަށެއްގެ ބައި-އިލެކްޝަން އިޢުލާނުކުރި ނަމަވެސް، 5 ރަށެއްގެ ބައި-އިލެކްޝަނަށް އެއްވެސް ފަރާތެއް ކުރިމަތިލާފައިނުވެއެވެ. އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރި 11 ރަށެއްގެ ޑަބްލިޔުޑީސީން ހުސްވެފައިވާ 12 ގޮނޑި އާއި، ވ.ރަކީދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް އެންމެ ފަރާތަކުން ކުރިމަތިލާފައިވާތީ އިންތިޚާބަކާ ނުލައި އެގޮނޑިތައް ކަށަވަރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މި ބައި-އިލެކްޝަންތަކުގައި ވޯޓަކާއި ނުލައި ކަށަވަރުވި 13 ގޮނޑީގެ ތެރެއިން، 12 ގޮނޑި ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ. އަނެއް ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ކުރިމަތިލި ފަރާތެއްކަމަށެވެ.

އަންނަ މަހު، 13ގައި ބޭއްވުމަށް ނިންމެވި ބައި-އިލެކްޝަންތަކުގެ ތެރެއިން ދެން ބާއްވަން ޖެހޭނީ އެންމެ ބައި-އިލެކްޝަނެކެވެ. އެއީ މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނެވެ. މި ގޮނޑިއަށް 2 ފަރާތަކު ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

4 ރަށެއްގެ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނެއް އަންނަ މަހު 27ގައި ބޭއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. މި ބައި-އިލެކްޝަންގައި ވ. ރަކީދޫ، ފ. ދަރަނބޫދޫ އަދި ގދ. މަޑަވެލީގެ ހުސްވެފައިވާ ކައުންސިލް ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމުގެ އިތުރުން، ބ. ފެހެންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރާނެއެވެ.