ޚަބަރު

"4000 އަހަރުވެފައިވާ ދިވެހި ދައުލަތުން އަބަދުވެސް ޤަބޫލުކުރީ އަމިއްލަ މިނިވަންކަމާއި އިސްތިޤްލާލް"


  • ހުރަވީ ދުވަހަކީ ދައުލަތުގެ ދިފާޢުގައި ކުރި ޖިހާދުން ދިވެހިންނަށް ނަޞްރު ލިބުނު ދުވަސް

  • ވަޒީރު ވިދާޅުވީ މިސަރަހައްދުގައި އޮތް އެންމެ ދުވަސްވީ ދައުލަތަކީ ދިވެހި ދައުލަތް ކަމަށް

  • މެދުނުކެނޑި އެންމެ ގިނަ ޒަމާންވަންދެން ވެރިކަންކުރި ރަށްރަށުގެ ތެރޭގައި މާލެ ހިމެނޭ

ދިވެހި ދައުލަތަށް ހަތަރު ހާހެއްހާ އަހަރު ވެފައިވާއިރު އަބަދުވެސް ގަބޫލުކުރީ އަމިއްލަ މިނިވަންކަމާއި އަމިއްލަ އިސްތިޤްލާލާއި އަމިއްލަވަންތަކަން ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ހުރަވީ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ހުރަވީ ދުވަހަކީ ދިވެހި ދައުލަތުގެ ދިފާޢުގައި ކުރެވުނު މަތިވެރި ޖިހާދަކުން ދިވެހިންނަށް ނަޞްރު ލިބުނު ދުވަސްކަމަށެވެ. އެގޮތުން މިހާދިސާއަށް މީލާދީ ގޮތުން 270 ވަރަކަށް އަހަރު ވެފައިވާކަމަށާއި ހިޖުރީ ތާރީޚުން ބަލާނަމަ 280އާ ގާތް ކުރާކަމަށެވެ.

ވަޒީރު ވިދާޅުވީ މި ސަރަހައްދުގައި އޮތް އެންމެ ދުވަސްވީ ދައުލަތަކީ ދިވެހި ދައުލަތްކަމަށެވެ. އެގޮތުން ދުނިޔޭގެ ތާރީޚުގައި ދައުލަތްތަކުގެ ވެރިކަން ކުރި ރަށްރަށަށް ބަލާއިރު، މެދުނުކެނޑި އެންމެ ގިނަ ޒަމާންވަންދެން ވެރިކަންކުރި ރަށްރަށުގެ ތެރޭގައި ދިވެހި ރާއްޖޭގެ ފުރަ މާލެ ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހި ދައުލަތަށް ހަތަރު ހާހެއްހާ އަހަރު ވެފާއިވާއިރު ދިވެހިން އަބަދުވެސް ގަބޫލުރީ ދިވެހީންގެ އަމިއްލަ މިނިވަންކަންކަމަށެވެ.

" އަޅުގަނޑުމެންގެ ދިވެހި ދައުލަތް ސަލާމުލެއްވި އީސާގެ ފާނުގެ މީލާދަށްވުރެ މާ ދޮށީ. އެކަލޭގެ ފާނުގެ މީލާދައް 2000 އަހަރު ވެފައިވާއިރުު އަޅުގަނޑުމެންގެ ދިވެހި ދައުލަތަށް ބަލާއިރު ފަހުގެ ހޯދުންތަކުން އެނގޭއިރުގައި 4000 އަހަރުވެއްޖެ. ދިވެހި ދައުލަތް މިނިވަން ވަކި ދައުލަތެއްގައި ދިވެހިން މިތަން ސަލާމަތްކޮށްގެންގުޅޭތާ. މި ދިގު މުއްދަތުގައި އަޅުގަނޑުމެން ގަބޫލުކުރީ މިނިވަންކަން އަމިއްލަ މިނިވަންކަން އަމިއްލަ އިސްތިގްލާލް" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ދިވެހީންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި އަމިއްލަ ޙަޟާރަތެއްގެ ވެރި ބައެއްކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ކުތުބުޚާނާތަކުން ދިވެހީންނާ ބެހޭ ފަތްފުށްތައް ހޯދުނުވަރަކަށް މި ޙަޤީޤަތް އިތުރަށް ސާފުވަމުންދާނެކަމަށެއެވެ.

ވަޒީރު ވިދާޅުވީ ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިފެއްޓެވި މަސައްކަތަށް ޝުކުރުއަދާކުރެއްވިއެވެ.

"ހުރަވީ ދުވަސް ފަދަ، ޤައުމީ ލޯބީގެ ދުވަސްތަކަށް ކެތީ ފެން ލިބި ދިރުމާއި އާރޯކަން ލިބެންފަށައިފި. ޤައުމީ ދަނޑަށް އަލުން ކާދު އަޅައިލެވި، އެ ދަނޑުގެ ނިރުތަކަށް ހިނދޫކަން އައިސް، މާތައް ފަރިވެ މޭވާ ފައްކާވާން ފަށައިފި. އިރާދަކުރެއްވިއްޔާ ކުރިޔަށް މި އޮތީ އެ މޫސުން. ދިވެހީންގެ ޤައުމީ ސަލާމަތާއި ޤައުމަށް އަމާނާތްތެރިވުމުގެ ހިތްފަހި މޫސުން. ދިވެހި ތާރީޚު ދިވެހީންނަށް ދޭ ޔަޤީން ކަމަކީ ޤައުމިއްޔަތުގެ މި މޫސުމުގެ ތާޒާ މޭވާ ނިކަން މީރުވާނެކަން. އޭގެ ފައިދާ ހަށިގަނޑަށާއި ނަފުސަށާއި މުޅި ރޫޙަށް ފޯރާނެކަން. ހުރަވީ ދުވަހުގެ ބަޠަލް ދޮންބަންޑާރައިންގެ ތާރީޚުން އެކަން ވަރަށް ރަނގަޅަށް އެނގޭ" އާދަމް ނަސީރު އިބްރާހީމް ވިދާޅުވިއެވެ.

ހުރަވީ ދުވަހުގެ ޖަލްސާގައި ޤައުމުދެކެ ލޯބިވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާ އަލްއުސްތާޛް ކަށިމާ އަހުމަދު ޝާކިރުވަނީ ވާހަކަދައްކަވާފައެވެ.

މިޖަލްސާގައި އަލްޣާޒީ ހަސަން އިއްޒުއްދީން (ދޮންބަންޑާރައިން) ބޭނުން ކުރެއްވި އައްޑަނަކޮޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ތަމްސީލެއްވަނީ ހުށަހަޅާފައެވެ. އަދި ދިވެހި ޤައުމީ ދިދައަށްވަނީ އިއްޒަތްވެސް އަރުވާފައެވެ.

ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ.

ހިޖުރައިން 1166ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3ވީ އާދީއްތަ ވިލޭރެއަކީ، އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1ވަނަ) ނުވަތަ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ތާރީޚެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ، ދިވެހި ޤައުމުގެ އެންމެހައި މުވާޠިނުން ޤައުމީ އަބްޠާލުންގެ ޒިކުރާ އަމަލީގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެއަބްޠާލުން ގެނެސްދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ ގޮތުންނެވެ.