ޚަބަރު

ޤާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން ނިންމުމަކީ ޤައުމަށް ޣައްދާރުވުން: ރައީސުލްޖުމްހޫރިއްޔާ


  • ރައީސް ވިދާޅުވީ ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ޣައްދާރުވުން

  • އަމިއްލަ ސިޔާސީ ފައިދާއަށްޓަކައި ރާއްޖެއަށް ދެރަގޮތް ނުހެދުމަށް ރައީސް އިލްތިމާސްކުރެއްވި

  • ޤައުމަށް ދެރަ ލިބޭނެހެން، ޤައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއްކަމަށް ރައީސް ވިދާޅުވި

ޤާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން ނިންމުމަކީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ޣައްދާރުވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހުރަވީ ދުވަހާއި ގުޅިފައިވާ ހާދިސާއަށް ބަލާއިރު، އެ ކަމުގައި ތާރީޚުގެ އަލިފަރާތަކާއި ތާރީޚުގެ އަނދިރި ފަރާތެއް އެބަ ފެންނަކަމަށެެވެ. އަދި ތާރީޚުގެ އަލިފަރާތުން ފެންނަނީ ދުވަހުގެ ބަޠަލް މުލީގޭ ދޮން ޙަސަން މަނިކުފާނު ނުވަތަ ދޮން ބަންޑާރައިނާއި އެމަނިކުފާނަށް ވަފާތެރި ދިވެހީންގެ ލަޝްކަރުކަމަށާއި، ތާރީޚުގެ އަނދިރި ފަރާތުން ފެންނަނީ ދިވެހި ޤައުމަށް ޚިޔާނާތެރިވި އަދި ހޮޅިންގެ އަތުން ކަނޑުފައްތާ މަރާލި ޝަމްސުއްދީނާއި މުޙްޔިއްދީނާއި އެ ދެ މީހުންގެ ދަޢުވަތަށް އައި އަނިޔާވެރި ހޮޅީންގެ ލަޝްކަރުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ޙާލަތުގައި މި ހާދިސާގެ ދެފަރާތަށް ބަލައިލުން މުހިއްމުކަމަށާއި، މައްސަލައިގެ އަނދިރިފަރާތަށް ބަލާލާއިރު ދިވެހި ދައުލަތުގެ މަތިފަޑީގައި ތިއްބެވި ދެ ބޭފުޅުން ވެރިކަމުގެ ދަހިވެތިކަމުގައި އެ ބޭފުޅުން ބޭރުގެ ބާރެއްގެ އެހީ ހޯއްދެވިކަމަށެވެ. އަދި ކަނޑައެޅިގެން ދޮގު ވާހަކަތައް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ސިޓީބިޓީގެ ޒަރީއާއިން ހޮޅީންނަށް ލިޔުއްވިކަމަށާއި ނަތީޖާއަކަށްވީ ހޮޅީންގެ ލަޝްކަރު މާލެ އަރައި މާލެ ސުންނާފަތިކޮށްލުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އެންމެ ފަހުން ތިމާގެ އަމިއްލަ ޤައުމަށް ޚިޔާނާތްތެރިވި ބަޔަކު އެހެން ދައުލަތަކަށް ވަފާތެރިވާނެހޭ ބުނެ ހޮޅީން، މި ޣަދަރުވެރި ދެ ދިވެހީން ކަނޑުފައްތައިމެރުން. މި ހުންނަނީ ދިވެހިރާއްޖެ ދެމި އޮތްހައި ދުވަހަކު ހަމަ ކޮންމެ ދިވެހި ދަރިޔަކު ފިލާވަޅު ލިބިގަންނަންޖެހޭ ކަންކަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން، އަދި ވަކިން ޚާއްޞަކޮށް ތިމާމެންގެ އާރާބާރު ދައްކާލާން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ދިވެހި ދައުލަތަށާއި ދިވެހީންނަށް ކަނޑައެޅިގެން ޣައްދާރުވުންކަމަށެވެ. އަދި ޤައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ޤައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުރަވީ ދުވަހުގެ އަލި ފަރާތަކީ ދޮންބަންޑާރައިންނާއި އެމަނިކުފާނަށް ވަފާތެރިވި އިޚްލާޞްތެރި މަދަދުވެރީންގެ ތެދުވެރިކަންކަމަށެވެ. އަދި ފާހަގަކުރެވޭ ޙަޤީޤަތަކީ މި ބޭފުޅުންގެ އެއްވެސް އަމިއްލަ އެދުންފުޅެއް ނެތްކަމާއި، އޮތީ ހަމައެކަނި ޤައުމާއި ދީން ސަލާމަތްކުރެއްވުމުގެ ވިސްނުންފުޅުކަންކަމަށް ރައީސް ވިދާޅުވިއެވެ.

"ހުރަވީ ދުވަސް އަޅުގަނޑުމެންނަށް ގޮވާލަނީ ތާރީޚުން ފިލާވަޅު ލިބިގަތުމަށް. އަމިއްލަ ސިޔާސީ ފައިދާއަށް ޓަކައި ރާއްޖެއަށް ދެރަގޮތް ނުހެދުމަށް. ހުރަވީ ދުވަސް އަޅުގަނޑުމެންނަށް އިލްތިމާސްކުރަނީ ވަކިވަކިވެ ނުގަތުމަށް. އެންމެން ގުޅިގެން އެއްބައިވަންތަވެގެން މި ޤައުމު ސަލާމަތްކުރުމަށް. ހުރަވީ ދުވަސް އަޅުގަނޑުމެންގެ ކިބައިން އެދި އާދޭސް ކުރަނީ ދޮންބަންޑާރައިން ފަދައިން ޤައުމީ ޚިދުމަތަށް ޓަކައި އިސްވެ ޙަރަކާތްތެރިވާ، މި ލޮބުވެތި ދިވެހި ފަސްގަނޑަށް ވަފާތެރި ދިވެހި ދަރިޔަކަށްވުމަށް" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުރަވީ ދުވަހަކީ ދިވެހި ދައުލަތަށް ނަޞްރު ހޯއްދަވައިދެއްވި ފަޚުރުވެރި ދުވަހެއްކަމަށާއި، ހުރަވީ ދުވަހަކީ ދިވެހި ތާރީޚު އަޅުގަނޑުމެންނަށް މުހިންމު ފިލާވަޅުތަކެއް ދަސްކޮށްދޭ ދުވަހެއްކަމަށެވެ. އަދި މިއީ ދިވެހި ޤައުމީ ޙަޔާތުގެ ޚާއްޞަ ޙަޤީޤަތްތަކެއް ބުނެދޭ، ދިވެހި ސިޔާސީ މާޒީގެ މުހިންމު ފިލާވަޅުތަކެއް މި ޒަމާނަށް ގެނެސްދޭ ދުވަހެއްކަންވެސް ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.