ޚަބަރު

އުރީދޫ ސަބްމެރިން ކޭބަލް އެހެން ސަރަޙައްދަކަށް ބަދަލުކޮށްފި


ހުޅުލެއާއި މާލެއާ ދެމެދު އަޅުއްވާ ބްރިޖްގެ، މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް މާލެއާ ގުޅުވާލަދޭ ކޮޅު އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.

އުރީދޫގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ވަނީ މާލެއާއި ހުޅުލެއާ ދެމެދު އަޅުއްވާ ބްރިޖްގެ މަސައްކަތް ކުރަމުންދާ ސަރަޙައްދުގައި ކަމުން، ހައުސިންގ މިނިސްޓްރީގެ އެދިވަޑައިގަތުމާއެކު، އުރީދޫން ވަނީ ސަބްމެރިން ކޭބަލް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް 30 މާރޗްގައި ފަށައި، އެމަސައްކަތް މިހާރު ފުރިހަމަކޮށްފައެވެ. އުރީދޫން ބުނީ ސަބްމެރިން ކޭބަލް ރީލޮކޭޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ތެރޭގައި އުރީދޫގެ އެއްވެސް ޚިދުމަތެއް މެދުނުކެނޑޭނެކަން ކަށަވަރުކުރުމަށްޓަކައި، މި ޕްރޮޖެކްޓްގެ ރިޑަންޑަންސީ ޕްލޭންގެ ދަށުން އުރީދޫން ވަނީ ބެކްއަޕެއްގެ ގޮތުގައި ކުންފުނީގެ މައިކްރޮވޭވް ނެޓްވަރކްގެ ބޭނުން ހިފާފައި ކަމަށެވެ.

އުރީދޫން ވަނީ ދިވެހިރާއްޖޭގެ އުތުރުން ދެކުނަށް ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލެއް އެޅުމަށްޓަކައިވެސް މަސައްކަތް ފަށާފައެވެ.

މި ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލްގެ ސަބަބުން ދިވެހިރާއްޖޭގެ އިންޓަރނެޓް ޚިދުމަތުގެ ފެންވަރަށް ފާހަގަކުރެވޭނެ ބޮޑު ކުރިއެރުމެއް ލިބި، ރާއްޖޭގެ ހުރިހާ ކަންކޮޅަކަށްވެސް އެއް ފެންވަރެއްގައި، ވަރަށް ފުރިހަމަ ސްޕީޑެއްގައި ފައިބަރ އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް އުރީދޫން މަޢުލޫމާތުދެއެވެ. އުރީދޫއަށް ރާއްޖޭގައި އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރއެއްގެ ލައިސެންސް ލިބިފައިވުމާއެކު، ކައިރި މުސްތަޤްބަލެއްގެ ތެރޭގައި އެ ކުންފުނިން ފިކްސްޑް ލައިން އިންޓަނެޓްގެ ޚިދުމަތްދޭން ފަށާނެއެވެ.