ޚަބަރު

ކުވޭތުގެ އަމީރު އަވަހާރަވުމާއި ގުޅިގެން ޤައުމީ ދިދަ ބައިދަނޑިއަށް


  • އާދީއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް، ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ވަނީ ހަމަޖައްސަވާފައި

  • ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކުވޭތުގެ އަމީރު އަވަހާރަވުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވެފައި

ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް މިއަދު އަވަހާރަވުމުގެ ހިތާމައިގައި، އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ.

ޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ. އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުޒިޔާގެ މެސެޖެއްވެސް ފޮނުއްވާފައެވެ.

ޝައިޚް ނަވާފް ކުވައިތުގެ އަމީރުކަމުގެ ހުވާ ކުރެއްވީ ކުރީގެ ރައީސް އަލްމަރުޙޫމް ޝައިޚް ޞަބާޙް އަލް އަޙްމަދު އަލް ޞަބާޙް 2020 ވަނަ އަހަރު އަވަހާރަވުމުންނެވެ. ޝެއިޚް ނަވާފް މީގެ ކުރިން އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ކުވައިތުގެ ދިފާޢީ ވަޒީރުކަން ހިމެނެއެވެ.

ޝެއިޚް ނަވާފް އަވަހާރަވުމުން ކުވައިތުގެ އަމީރަކަށް ދެން ވަޑައިގަންނަވާނީ ޢުމުރުން 83 އަހަރުގެ ޝެއިޚް މިޝްޢާލް އަލް އަޙްމަދު އަލް ޖާބިރެވެ.

4.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކުވައިތަކީ ދުނިޔޭގެ ހަ ވަނައަށް އެންމެ ގިނައިން ތެޔޮ ހުރި ޤައުމަށެވެ.