ކުޅިވަރު

ބައްސާމާ ދެކޮޅަށް ގިނަ ކުލަބުތަކަކުން އެއްގަލަކަށް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމުން ބައްސާމް އަދީލް ޖަލީލް ދުރުކުރުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކުރުމުގެ މަސައްކަތުގެ ތެރެއިން ގިނަ ކުލަބުތަކެއްގެ ސޮއި ލިބިއްޖެއެވެ.

"ޕީއެސްއެމް ސްޕޯޓްސް" އަށް އެނގިފައިވާ ގޮތުގައި ބައްސާމުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހު ހުށަހަޅަން ދަނީ ތައްޔާރުވަމުންނެވެ. ބައްސާމާ ދެކޮޅަށް މިހާތަނަށް ސޮއިކޮށްފައިވާ ކުލަބުތަކުގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކެއް ހިމެނެއެވެ.

މި މަސައްކަތް ފެއްޓެވީ އެ އިދާރާގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިގު (ޓޮމް) އެވެ. އަންނަ އަހަރު ބާއްވާ އިންތިހާބުގައި އެފްއޭއެމުގެ ރައީސްގެ މަގާމަށް ވާދަކުރައްވާނެކަން، މީގެ ކުރިންވެސް އެ މަގާމު ފުރުއްވި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ޓޮމް ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އިއުލާން ކުރައްވާފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ޓޮމް ވިދާޅުވީ އެފްއޭއެމުގެ ރައީސް ބައްސާމުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ކުލަބުތަކުގެ ސޮއި ހޯދުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި ފުޓްބޯޅައަށް ކިރިޔާވެސް ކުލުނެއް ހުރިނަމަ ރީތިގޮތަކީ ބައްސާމް އިސްތިއުފާދިނުން ކަމަށްވެސް ވަނީ ބުނެފައެވެ.

އެފްއޭއެމުގެ އަސާސީ ގަވާއިދުގައި ބުނާގޮތުން އެ އެސޯސިއޭޝަނުގެ މެންބަރު ކުލަބުތަކުގެ ތެރެއިން ތިންބައިކުޅަ ދެ ބައި ކުލަބުތަކުން، ހުށަހަޅައިފިނަމަ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓުނެގުމަށް ކޮންގްރެސްއެއް ބާއްވައި، އިތުބާރު ނެތްކަމަށް ފެނޭތޯ ވޯޓަށް އަހަން ޖެހޭނެއެވެ.

ބައްސާމުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން މަސައްކަތްކުރަމުން އަންނައިރު، އޭނާގެ ޕާސްޕޯޓު ދާދި ފަހުން ވަނީ ހިފަހައްޓާފައެވެ. ބައްސާމުގެ ޕާސްޕޯޓް ހިފަހައްޓާފައި މިވަނީ އެފްއޭއެމަށް ދުނިޔޭގެ ފުޓްބޯޅަައިގެ މައި ޖަމުއިއްޔާ (ފީފާ) އިން ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށެވެ.