ޚަބަރު

އެއްލާލާފައި އޮތް ތުއްތުކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމްއަށް އިންޑިއާއަށް


  • އެއްލާލާފައި އޮތް ތުއްތުކުއްޖާގެ ހަށިގަނޑު ފެނުނީ މިމަހުގެ 3 ވަނަ ދުވަހު

  • ކުއްޖާ ފެނުނީ ކުނިގޮނޑުން

  • މި ހާދިސާއާއި ގުޅިގެން ލަންކާ އަންހެނެއް ވަނީ ހައްޔަރުކޮށްފައި

އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށްލާފައި އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށްޓަކައި އިންޑިއާއަށް ފޮނުވައިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ކުޑަކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކާ އިންޑިއާއަށް ފޮނުވާފައިވަނީ ހުކުރު ދުވަހުއެވެ.

މިމަހުގެ 3 ވަނަ ދުވަހު ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖާ ފެނިފައިވަނީ އެރަށު ކުނިގޮނޑުންނެވެ. ފުލުހުންވަނީ ހަމަ އެދުވަހު މި ހާދިސާއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ، ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 30 އަހަރު އަންހެނެކެވެ. އެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ، ދިގުރަށުން މާލެ އައިސް، ލައްކާއަށް ފުރަންގޮސް ހުއްޓާ ވެލާނާ އިންޓަރނޭޝަން އެއަރޕޯޓުންނެވެ.

މި އަންހެން މީހާއަކީ ދިގުރަށުގައި ހުންނަ ގެސްޓްހައުސްގައި މަސައްކަތް ކުރާ އަންހެނެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ކުޑަކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ވެސް ގެސްޓް ހައުސްތަކުން ނެގި ކުނިތަކުގެ ތެރެއިންނެވެ.

މަރުވެފައި މި ތުއްތު ކުއްޖާގެ ހަށިގަނޑު އޮތީ ޑަސްބިން ކޮތަޅެއްގެ ތެރެއަށްލާ ކުނިތަކެއް ތެރެއަށް އެއްލާލާފައެވެ. ހަށިގަނޑު ފެނުނީ ކުނިކޮށްޓަށް ގެންގޮސް ކުނި ވަކިކުރަން އުޅުމުގެ ތެރޭގައި ކުނިކޮށީގައި މަސައްކަތް ކުރާ މުވައްޒަފުންތަކަށެވެ.