ޚަބަރު

މާލޭ ސިޓީ ކައުންސިލް ބައި-އިލެކްޝަން: ކެންޑިޑޭޓު ނަންތައް ތަރުތީބުކޮށްފި


  • ހެންވޭރު ދެކުނު އަންހެނުންނަށް ޚާއްސަކުރާ ގޮނޑިއަށް 4 ކެންޑިޑޭޓުން ވާދަކުރައްވާ

  • މާފަންނު ދެކުނުގެ ގޮނޑިއަށް 5 ކެންޑިޑޭޓުން ވާދަކުރައްވާ

  • މެދު ހެންވޭރުގެ ގޮނޑިއަށް 4 ކެންޑިޑޭޓުން ވާދަކުރައްވާ

މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިޢުލާނުކޮށް، ކެންޑިޑޭޓު ނަންބަރު ތަރުތީބުކޮށްފިއެވެ.

ސިޓީ ކައުންސިލް ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވަނީ، އެކަމަށް ޚާއްސަކޮށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި، މާލެ ސިޓީ މޭޔަރު ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތައްވެސް ވަނީ ތަރުތީބުކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ގޮނޑި ހުސްވެފައިވާ 3 ދާއިރާއަކީ ހެންވޭރު ދެކުނާއި، މާފަންނު ދެކުނުގެ އިތުރުން މެދު ހެންވޭރެވެ.

ހެންވޭރު ދެކުނުގެ ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓުން (އަންހެނުންނަށް ޚާއްސަކުރާ ގޮނޑި)

• ކެންޑިޑޭޓް ނަންބަރު 1: ހައްވާ ނިޙްލާ / އެމްޑީޕީ
• ކެންޑިޑޭޓް ނަންބަރު 2: އައިމިނަތު ރިޝްފާ އަޙްމަދު / ޕީއެންސީ
• ކެންޑިޑޭޓް ނަންބަރު 3: ޢާއިޝަތު އަފްނާން އަލީ / އަމިއްލަ ގޮތުން
• ކެންޑިޑޭޓް ނަންބަރު 4: ޢައިޝަތު ލީނާ / ދަ ޑިމޮކްރެޓްސް

މާފަންނު ދެކުނުގެ ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓުން:

• ކެންޑިޑޭޓް ނަންބަރު 1: މުޙައްމަދު ރަފީޢު / އަމިއްލަ ގޮތުން
• ކެންޑިޑޭޓް ނަންބަރު 2: ޙަސަން ނިޒާމް / ޕީއެންސީ
• ކެންޑިޑޭޓް ނަންބަރު 3: ޢަލީ އިސްޙާޤް / ދަ ޑިމޮކްރެޓްސް
• ކެންޑިޑޭޓް ނަންބަރު 4: އަޙްމަދު ޢިމްރާން / އެމްޑީޕީ
• ކެންޑިޑޭޓް ނަންބަރު 5: މުޙައްމަދު މައިޒަރު އާދަމް ޒާހިރު / އަމިއްލަ ގޮތުން

މެދު ހެންވޭރުގެ ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓުން:

• ކެންޑިޑޭޓް ނަންބަރު 1: އަޙްމަދު ރިޝްފާން ރަޝީދު / އެމްޑީޕީ
• ކެންޑިޑޭޓް ނަންބަރު 2: މުޙައްމަދު ޒައިން ޙަސަން / އަމިއްލަ ގޮތުން
• ކެންޑިޑޭޓް ނަންބަރު 3: ފާޠިމަތު ޝައުފާ ސަލީމް / ޕީއެންސީ
• ކެންޑިޑޭޓް ނަންބަރު 4: ޢަބްދުﷲ އަޠޫފް / އަމިއްލަ ގޮތުން

މާލެ ސިޓީ މޭޔަރުކަމަށާއި، މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ނޮވެންބަރުމަހުގެ 28 ގައެވެ. މުއްދަތު ދީފައިވަނީ މިމަހުގެ 13 އާއި ހަމައަށެވެ.

މާލެ ސިޓީއަށް މޭޔަރަކު ހޮވުމާއި، ކައުންސިލަށް 3 މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖެނުއަރީމަހުގެ 13 ވަނަ ދުވަހުއެވެ.

މާލެ ސިޓީ މޭޔަރުގެ ގޮނޑި ހުސްވީ އެ މަޤާމުގައި ހުންނެވި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު، ރައީސްކަމަށް އިންތިޚާބުވުމާއިއެކު، މޭޔަރުކަމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. ސިޓީ ކައުންސިލްގެ 3 ގޮނޑި ހުސްވެފައިވަނީ އެ މަޤާމުގައި ތިއްބެވި މެންބަރުން، ސަރުކާރުގެ މަޤާމުތަކަށް އައްޔަން ކުރެއްވުމާއިއެކު، މެންބަރުކަމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.