ޚަބަރު

ބަރަހަނާ ވެބްސައިޓުތައް ސަރުކާރުން ބްލޮކްކޮށްފި


  • ކޭމްއިން ވަނީ ސަރުކާރުގެ އެންގުމަށް އެފަދަ ހުރިހާ ވެބްސައިޓުތަކެއް ބްލޮކްކޮށްފައި

  • މިއީ ރާއްޖޭގެ ތާރީޚުގައި މިކަން ކުރި ފުރަތަމަ ފަހަރު

  • މިކަމާއި ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ބަހެއް ނުލިބޭ

ބަރަހަނާ މަންޒަރުތައް ފަތުރާ ވެބްސައިޓުތަކަށް ރާއްޖެއިން ނުވަދެވޭގޮތަށް ސަރުކާރުން ބްލޮކްކޮށްފިއެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ކޭމްއިން ވަނީ ސަރުކާރުގެ އެންގުމަށް އެފަދަ ހުރިހާ ވެބްސައިޓުތަކަށް ރާއްޖޭގެ އެއްވެސް ނެޓްވޯކަކުން ނުވަދެވޭގޮތް ހަދާފައެވެ.

މީގެކުރީ ސަރުކާރުންތަކުންވެސް މިކަން ކުރުމަށް މަސައްކަތްކުރި ނަމަވެސް މިއީ ރާއްޖޭގެ ތާރީޚުގައި މިކަން ކުރި ފުރަތަަމަ ފަހަރެވެ. މިކަމާއި ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ. ސަރުކާރުގެ މި ނިންމެވުމަށް އެކި ފަރާތްތަކުން އަންނަނީ މަރުޚަބާ ކިޔަމުންނެވެ.

އެގޮތުން ކުރީގެ ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވަނީ ބަރަހަނާ ވެބްސައިޓުތައް ބްލޮކްކުރަން ނިންމިކަމީ މި މުޖުތަމަޢު ބަލައިގަންނަންޖެހޭކަމެއްކަމަށް ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން އެތައް ކުޑަކުދިންނެއް ހަލާކުވެ ބައިވަރު އިޖުތިމާއީ މައްސަލަތަކެއް ނުކުންނަމުންދިޔަކަން ފާހަގަކުރައްވާ މަޚްލޫފް ވަނީ، މި މުހިއްމު ނިންމުމަށް ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތައް ބްލޮކް ކުރުމާ ގުޅޭ ގޮތުން މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވެސް ބަހުސް ކުރެވިފައިވެއެވެ. އަދި ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި، ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމަށް އޭރުގެ ޕްރޮސިކިއުޓަ ޖެނެރަލް، ހޯމް މިނިސްޓަރީއަށް އަންގާފައިވެއެވެ. ނަމަވެސް އޭރު އެކަން ތަންފީޒު ކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ ކުރި އަރާފައިވާ ބައެއް ޤައުމުތަކުގައި ވެސް ބަރަހަނާ ވެބްސައިޓުތަކަށް ވަނުން އޮންނަނީ ބްލޮކް ކޮށްފައެވެ.