ކުޅިވަރު

ފަސޭހަކަމާއެކު ޓީސީ ބަލިކޮށް މާޒިޔާ އެއްވަަނައަށް


އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާ މޮޅުވީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން މާޒިޔާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ 24 މިނެޓު ތެރޭގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހާފައެވެ. އެގޮތުން މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި މާޒިޔާއިން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާބިއާގެ ފޯވާޑް ވޮޖިސްލާފް ބަލަބަނޮވިޗެވެ.

އަދި މެޗުގެ 16 ވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިދިނީ މިޑްފީލްޑަރު އިބްރާހީމް އައިސަމެވެ. އަދި މެޗުގެ 24 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހަމްޒާ މުޙައްމަދު (ހަމްޕު) ވަނީ މާޒިޔާގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.

މި މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ފެނިގެންގޮސްފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން މެޗުގެ 76 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ބަލަބަނޮވިޗެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް މާޒިޔާ ޖެހިލީ ކުޅުނު 13 މެޗުން 37 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައަށް ވެއްޓުނު ކުލަބު އީގަލްސްއަށް 13 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ. ލީގުގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގެ ހަވީރު މާޒިޔާ އާއި އީގަލްސް ކުޅޭއިރު، އެ މެޗު އެއްވަރުކޮށްލައިގެންވެސް މާޒިޔާއަށް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދޭނެއެވެ. މި ފަހަރުގެ ލީގުގައި މިހާތަނަށް މެޗަކުން ބަލިނުވެ އޮތް ދެ ޓީމަކީވެސް މާޒިޔާ އާއި އީގަލްސްއެވެ.