ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ ދާއިރާއިން އިންޤިލާބީ ކާމިޔާބެއް ގެނެސްފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ "ހަފްތާ 14 މަގުޗާޓު"ގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އިސްލާމްދީނާއި ޤައުމިއްޔަތުގެ ދާއިރާއިން ފުރަތަމަ 4 ހަފްތާގައި ހޯދާފައިވާ ކާމިޔާބީ ފާހަގަކުރައްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި އިސްލާމްދީނާއި ޤައުމިއްޔަތުގެ ދާއިރާއިން މައިގަނޑު 8 ވަޢުދުފުޅެއް ހިމަނާފައިވެއެވެ.
މީގެ ތެރެއިން ފުރަތަމަ 4 ހަފްތާގައި ކުރެއްވުމަށް ނިންމަވާފައިވާ އެންމެ މުހިންމު އެއް ކަމަކީ މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނަ އިތުރުކުރެއްވުމެވެ.
މިސްކިތްތަކުގެ އާބާތުރަ ފިލުވައި ރީތިކޮށް ބެލެހެއްޓުމަށް
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 14, 2023
ޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން
ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނައަށް އިތުރުކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ވެ ވަޑައިގެންނެވި ވައުދު ފުއްދަވައިފި. މިހާރުވަނީ އެކަމަށް 15 މިލިއަން ހަމަޖައްސަވައިދެއްވާފަ
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ މި ވަޢުދު ފުއްދަވާފައިވާކަމަށެވެ. އަދި އެކަމަށް މިހާރު 15 މިލިއަން ރުފިޔާ ހަމަޖައްސަވައިދެއްވާފައިވާކަމަށެވެ. އަދި ޒަކާތާއި ބެހޭ ވަކި އިދާރާއެއް ރާއްޖޭގައި ޤާއިމުވެ، އިސްލާމީ ފިޤުހުގެ އަލީގައި ޒަކާތުގެ ނިޒާމު ޒަމާނަށް ފެތޭގޮތަށް ތަރައްޤީކުރަން ރައީސް ނިންމެވި ނިންމެވުމަކީ ރާއްޖޭގެ ތާރީޚުގައި ޒަކާތުގެ ނިޒާމަށް ގެނެވޭ އެންމެ ހެޔޮ ބަދަލުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ފުރަތަމަ 4 ހަފްތާގެ ކާމިޔާބީތަކަށް އިތުރަށް އިޝާރާތްކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ، 1000 ފަޤީރުންނަށް ހިލޭ ޙައްޖަށް ދެވޭގޮތް ހަދައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތައް އުތުރާއި ދެކުނުގައި ޤާއިމުކޮށް، ޒަކާތު ހައުސް އުފައްދާ، މިސްކިތްތަކާބެހޭ މަޖިލީހާއި، ވަޤުފްގެ ގިނަ މަޝްރޫޢުތައް ޤާއިމުކުރުމަށް މި ސަރުކާރުން އަމާޒު ހިފާފައިވާކަމަށެވެ.