ޚަބަރު

ޕީއެސްއެމުން އިންތިޒާމުކުރާ މާލޭ މޭޔަރު ބަހުސް އަންނަ މަހުގެ 6ގައި


  • މޭޔަރުކަމަށް 5 ކެންޑިޑޭޓުން ވާދަކުރައްވާ

  • މިއީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ މޭޔަރު އިންތިޚާބު

  • އިންތިޚާބު އޮންނާނީ އަންނަ މަހުގެ 13ގައި

  • ކެންޑިޑޭޓު ނަންބަރު ތަރުތީބުކުރުން މާދަމާ

މާލެއަށް މޭޔަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ފަސް ކެނޑިޑޭޓުންނަށް ޢަމާޒުކޮށް ޕީއެސްއެމުން އިންތިޒާމުކުރާ ބަހުސް އަންނަ މަހުގެ 6ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ޕީއެސްއެމުން ވަނީ މި ފެށޭ ހަފްތާގައި ބަހުސްގައި ބައިވެރިވަޑައިގަންނަވާ ހުރިހާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެއީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ކެންޑިޑޭޓުންނަށް ވާހަކަ ދެއްކެވުމަށް ފުރުޞަތު ދެއްވާނެ ތަރުތީބު ކަނޑައެޅުމަށެވެ.

މޭޔަރު އިންތިޚާބުގައި ވާދަކުރައްވާ ފަސް ކެނޑިޑޭޓުންނަކީ

- އައިޝަތު ޢާޒިމާ ޝަކޫރު/ ޕީއެންސީ
- އާދަމް ޢާޒިމް/ އެމްޑީޕީ
- ސައިފް ފާތިހު/ ދަ ޑިމޮކްރެޓްސް
- ޙުސައިން ވަހީދު/ އަމިއްލަ ގޮތުން
- ޝުޢައިބު ޢަލީ/ ޢަމިއްލަ ގޮތުން

މި ފަސް ކެންޑިޑޭޓުންގެ ކެނޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގަނެފައެވެ. އަދި ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރު ތަރުތީބުކުރުން މާދަމާ ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

މާލޭ މޭޔަރުގެ ބަހުސް އަންނަ މަހުގެ 6ގައިބޭއްވުމަށް ޕީއެސްއެމުން ނިންމާފައިވާއިރު، ހުރިހާ ކެންޑިޑޭޓުންނަށްވެސް ވަނީ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު ދެއްވާފައެވެ. އަދި ކެންޑިޑޭޓުންގެ ފަރާތްޕުޅުންވަނީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މާލޭ މޭޔަރު ބަހުސްގެ އެއް ބޭނުމަކީ، އެ ކެންޑިޑޭޓުން މާލެއާމެދު ގެންގުޅުއްވާ ވިސްނުމާއި ތަސައްވުރު އަދި ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރައްވާނެ ކަންކަމާއި ސިޔާސަތުތައް ރައްޔިތުންނާއި ހަމައަށް ތިލަކޮށްދިނުމެވެ. މިއީ މާލޭގެ މޭޔަރު އިންތިޚާބުގައި މިހާ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. މާލޭއަށް މޭޔަރަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. މިފަހަރުގެ އިންތިޚާބަކީ ވާދަވެރި އިންތިޚާބަކަށް ވާނެއެވެ.

ހުރިހާ ކެންޑިޑޭޓުންވެސް ގެންދަވަނީ ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން ގޭގެއަށް ނުވަތަ ޑޯޓުޑޯއަށް ޒިޔާރަތްކުރުމާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ގިނަ ހަރަކާތްތަކެއް އަންނަނީ ބާއްވަވަމުންނެވެ. އަދި މޭޔަރުކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ މާލެއަށާއި، ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަމާއި ސިޔާސަތުތައްވެސް ކެނޑިޑޭޓުން އަންނަނީ ހާމަކުރައްވަމުންނެވެ.

މާލޭ މޭޔަރުގެ މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާއި ގުޅިގެންނެވެ.

މޭޔަރުގެ މަޤާމުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ 3 ގޮނޑިއެއް ހުސްވިއެވެ. އެ ގޮނޑިތަކަށް ކައުންސިލަރުން އައްޔަންކުރަން ބާއްވާ ބައި އިލެކްޝަންވެސް އޮންނަނީ ހަމަ އެދުވަހުއެވެ.