ކުޅިވަރު

ދަ ބެސްޓް އެވޯޑަށް މި ފަހަރު ވާދަކުރަނީ މެސީ، ހާލަންޑް އަދި އެމްބާޕޭ


ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިން އިއުލާންކޮށްފިއެވެ.

އެ ތިން ކުޅުންތެރިންނަކީ އިންޓަ މަޔާމީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އާއި، މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ނޯވޭގެ އިތުބާރު ފޯވާޑް އާލިން ހާލަންޑުގެ އިތުރުން ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭއެވެ. މި ތިން ކުޅުންތެރިން ހޮވާފައިވަނީ 12 ކުޅުންތެރިންގެ ލިސްޓެއްގެ ތެރެއިންނެވެ.

ފީފާއިން ހާމަކޮށްފައިވާ ގޮތުން އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ ނޮމިނޭޝަންތައް ކަނޑައެޅުމަށް ބެލި ތާރީޚަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން މިދިޔަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕުގެ ފައިނަލް މެޗު ކުޅެފައިވަނީ މި ތާރީޚުގެ ތެރޭގައެވެ.

އެންމެ ފަހުން މި އެވޯޑް ހޯދާފައިވަނީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މިހާރު އުމުރުން 36 އަހަރުގެ މެސީއެވެ. މެސީ ވަނީ ފްރާންސް ފުޓްބޯޅަ މަޖައްލާއިން ދޭ ބަލޮންޑޯ އެވޯޑް މި އަހަރު ކާމިޔާބުކޮށް، އެ އެވޯޑް ޖުމްލަ އަށް ފަހަރު ހޯދާފައެވެ. އަދި އެމެރިކާގެ ޓައިމް މަޖައްލާގެ އަހަރުގެ އެންމެ މޮޅު އެތުލީޓުގެ މަގާމުވެސް ހޯދާފައިވަނީ މެސީއެވެ.

ފީފާއިން ހޮވާ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ސްޕެއިނުގެ ޖެނިފާ ހާމޯސޯ އާއި، އެ ގައުމުގެ އައިޓާނާ ބޯންމާޓީ އަދި ކޮލަމްބިއާގެ ލިންޑާ ސައެސީޑޯއެވެ. މި ފަހަރުގެ ބަލޮންޑޯ އެވޯޑުގައި އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބާސެލޯނާއަށް ކުޅެމުން އަންނަ މިޑްފީލްޑަރު އައިޓާނާއެވެ.

މި ފަހަރުގެ ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ހަފުލާ އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ލަންޑަންގައެވެ.