ކުޅިވަރު

ލިވަޕޫލް ބަލިކޮށް ސެއިންޓް-ގިލޮއިސް ކޮންފަރެންސް ލީގަށް


ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އީގައި ރޭ ލިވަޕޫލް ބަލިކޮށް، ކޮންފަރެންސް ލީގުގެ ނޮކައުޓް ބުރުގެ ޖާގައެއް ބެލްޖިއަމުގެ ޔޫނިއަން ސެއިންޓް-ގިލޮއިސްއިން ހޯދައިފިއެވެ.

ބެލްޖިއަމުގައި ކުޅުނު މެޗުން ސެއިންޓް-ގިލޮއިސް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗާ ކުރިމަތިލިއިރުވެސް ލިވަޕޫލުން ވަނީ މި ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށް، ޔޫރޮޕާ ލީގުގެ ގަދަ 16 ބުރުން ޖާގައެއް ހޯދާފައެވެ. އެހެންކަމުން ރޭގެ މެޗަށް ލިވަޕޫލުން ނެރުނު ފުރަތަމަ އެގާރައަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިއީ ޔޫރަޕުގެ މުބާރާތެެއްގައި ލިވަޕޫލުގެ ތާރީޚުގައިވެސް ނެރުނު އެންމެ ޒުވާން ފުރަތަމަ އެގާރައެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ތިން ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓުގައި ސެއިންޓް-ގިލޮއިސްއިން ލީޑު ނެގިއިރު، ގުސްޓާފް ނިލްސަންގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އެލް އަމީން އަމޫރާއެވެ.

އެކަމަކު މެޗުގެ 40 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ކޯނަރަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖަރެލް ކުއަންސާއެވެ. މިއީ އޭނާ ލިވަޕޫލުގެ ސީނިއާ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ސެއިންޓް-ގިލޮއިސްއިން ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެމެރޮން ޕުއާޓަސްއެވެ.

މި ނަތީޖާއާއެކުވެސް މި ގްރޫޕުގެ އެއްވަނައިގައި ލިވަޕޫލް އޮތީ ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ނިންމީ 11 ޕޮއިންޓް ހޯދި ފްރާންސްގެ ޓުލޫސްއެވެ. ރޭ ކުޅުނު މެޗުން ޓުލޫސް ވަނީ އޮސްޓްރިއާގެ ލާސްކް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

އަދި ތިންވަނައަށް ދިޔަ ސެއިންޓް-ގިލޮއިސް ވާދަކުރާނީ ޔުއެފާ ކޮންފަރެންސް ލީގުގެ ނޮކައުޓް ބުރުގައެވެ. އެ ޓީމަށް ވަނީ ކުޅުނު ހަ މެޗުން އަށް ޕޮއިންޓް ލިބިފައެވެ. ފުލަށްދިޔަ ލާސްކްއަށް ހަ މެޗުން ލިބިފައިވަނީ އެންމެ ތިން ޕޮއިންޓެވެ.