ޚަބަރު

ދަރިމައިވުމުގެ ޚިދުމަތަށް ވަކި އުސޫލެއް ހަދާގޮތަށް އާސަންދަ ޤަވާއިދަށް އިޞްލާހެއް


  • ދަރިމައިވުމުގެ ޚިދުމަތް އާސަންދައިން ކަވާކުރާގޮތަށް ވަނީ ހަމަޖައްސާފައި

  • މިއީ ރައީސްގެ ރިޔާސީ ވަޢުދުފުޅެއް

  • މިކަމށް ބޭނުންވާ ޤަވާއިދާ އުސޫލުތައް ދަނީ ހަދަމުން

ދަރިމައިވުމާގުޅޭ ފަރުވާގެ ޚިދުމަތްތައް އާސަންދަ ސްކީމް މެދުވެރިކޮށް ލިބޭނެ މަގު ފަހިކޮށްދިނުމުގެގޮތުން ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް އިޞްލާހު ގެނެސްފިއެވެ.

މިގޮތުން މި ޤަވާއިދަށް މައިގަނޑު ދެ އިސްލާހެއް ވަނީ ގެނެސްފައެވެ. މިގޮތުން ގެނައި ފުރަތަމަ އިޞްލާހަކީ "ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާ" އާސަންދަ ނުލިބޭ ޚިދުމަތްތަކުން އުނިކުރުމެވެ. އެއަށްފަހު ގެނައި އިޞްލާހުގައި ބަޔާންކުރަނީ އިންފާޓިލިޓީ ނުވަތަ ދަރިމައިވުމާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދޭންވާނީ އެކަމަށް ކަނޑައަޅާ ވަކި އުސޫލެއްގެ ދަށުން ކަމަށެވެ.

މީގެ އިތުރުން އާސަންދަ ކަވަރ ނުކުރާކަމަށް ބަޔާންކުރާ ޚިދުމަތްތައް ފިޔަވައި ދެންހުރި ޚިދުމަތްތައް އެކަމާއި ގުޅިގެން ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ފޯރުކޮށްދެވިދާނެކަމަށް އިޞްލާހުގައި ބުނެފައިވެއެވެ. އަދި އެ އުސޫލު ޢާންމުކޮށް ޝާއިޢުކުރާނެކަމަށްވެސް ބުނެފައިވެއެވެ.

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، ‏ރައީސުލްޖުމްހޫރިއްޔާ ޑރ. ⁦‪މުޙައްމަދު މުޢިއްޒު‬⁩ގެ ވައުދުފުޅާ އެއްގޮތަަށް ދަރިމައިވުމުގެ ފަރުވާގެ ޚިދުމަތް އާސަންދަ މެދުވެރިކޮށް ލިބިގެންދިއުމަކީ ވަރަށް ގިނަ ފަރާތްތަކަށް ލިބިގެންދާނެ ހިތްހަމަޖެހުމެއްކަމަށެވެ. މިއީ ގިނަ ބަޔަކު ކުރަމުންދިޔަ އިންތިޒާރެއްކަމަށާއި، ‏މި ޚިދުމަތް ދިނުމާގުޅޭ އުސޫލު ވަރަށް އަވަހަށް ޝާއިޢުކުރެވޭނެކަމަށް ހީނާ ވިދާޅުވިއެވެ.

އާސަންދައިގެ ދަށުން އައިވީއެފްގެ ޚިދުމަތް ނުވަތަ ދަރިމައިވުމުގެ ޚިދުމަތް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ސިއްޙީ ނިޒާމު ވަރުގަދަކުރުމަށް އައިޖީއެމްއެޗްގައި ޤާއިމުކޮށްފައިވާ ފަރޓިލިޓީ ސެންޓަރު އިތުރަށް ހަރުދަނާކުރައްވާ ދަރިމައިވުމުގެ ސިއްޙަތުގެ ދާއިރާ ނުވަތަ އައިވީއެފަށް ޚާއްސަ 30 މިލިއަން ރުފިޔާގެ ފަންޑެއް ތަރައްޤީކުރައްވާނެކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ހުރި އަމިއްލަ ހޮސްޕިޓަލްތަކުގެ ތެރެއިން މިޚިދުމަތްދޭ ހޮސްޕިޓަލްތަކުންވެސް އާސަންދަ މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާ ރާއްޖެއިން ބޭރުގެ މިޚިދުމަތްދޭ ހޮސްޕިޓަލްތައް އާސަންދައިގެ ދަށުން ގްރޭޑް ކުރައްވާ އެތަންތަނުންވެސް ޚިދުމަތްލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށެވެ.

މީގެ އިތުރުން ޕޯލިސްޓިކް އޮވަރީ ސިންޑްރޯމް (ޕީސީއޯއެސް) އާއި، އެންޑޮމެޓްރިއޯސިސްއަށް އާސަންދަ ފުލް ކަވަރޭޖު ދިނުމަށްވެސް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.