ޚަބަރު

ޕާކިން ޖޫރިމަނާ މަޢާފްކޮށްފި، އެ ޢަދަދު 2.8 މިލިއަނަށް އަރާ


  • ހިއްސާކުރީ 4 ހަފްތާގެ ކާމިޔާބީ

  • ޖޫރިމަނާގެ ޢަދަދު 2.8 މިލިއަން ރުފިޔާއަށް އަރާ"

  • ސަރުކާރުން ޕާކިންއަށް ސިޔާސަތުތަކެއް އެބަހުރި

މިއަހަރުގެ ސެޕްޓެންބަރު 5 އިން ފެށިގެން، ނޮވެންބަރު 16 ވަނަ ދުވަހާއި ހަމައަށް، ކޮށްފައިވާ ޕާކިން ޖޫރިމަނާތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޢާފުކޮށްދެއްވާފިއެވެ.

އައު ސަރުކާރުގެ 4 ހަފްތާތެރޭގައި ކުރެވިފައިވާ ކަންތައްތައް ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ ޤަވާޢިދާއި ޚިލާފަށް ކޮށްފައިވާ ޕާކިން ޖޫރިމަނާތައް ޤާނޫނާއި ޤަވާޢިދުގެ ދަށުން މަޢާފުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއް ކަމަށެވެ. މިވަޢުދުފުޅުގެ ދަށުން 5 ސެޕްޓެންބަރުން 2023އިން ފެށިގެން 16 ނޮވެންބަރާއި ހަމައަށް ކޮށްފައިވާ 2.8 މިލިއަން ރުފިޔާގެ ޖޫރިމަނާ ރައީސުލްޖުމްހޫރިއްޔާ މިއަދުން ފެށިގެން މަޢާފުކޮށްދެއްވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސްގެ ވަޢުދުފުޅެއް އެއީ މިހުރިހާ ޖޫރިމަނާތައް މަޢާފު ކޮށްދިނުން. އެހެންނަމަވެސް އޭރު ވަކި މުއްދަތަކާއި ހަމައަށް 5 ސެޕްޓެންބަރު 2023 ހަމައަށް ކުރެވިފައިވާ ހުރިހާ ޖޫރިމަނާތައް އޭރު މަޢާފު ކުރެވިފައި. މިހާރު ރައީސް ނިންމަވާފައިވަނީ 5 ސެޕްޓެންބަރު 2023 ހުން ފެށިގެން، 16 ނޮވެންބަރު 2023 ހަމައަށް ކޮށްފައިވާ ޖޫރިމަނާތައް މަޢާފުކޮށްދިނުމަށް." ފިރުޒުލް ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ވެރިކަމުގައި، ރިޔާސީ އިންތިޚާބާއި ގާތްވެފައިވަނިކޮށް، ޓްރެފިކް ޖޫރިމަނާތައް މަޢާފްކުރިނަމަވެސް ސެޕްޓެމްބަރު މަހުގެ 5އިން ފެށިގެން ނޮވެމްބަރު 17އާއި ހަމައަށް ކޮށްފައިވާ ޖޫރިމަނާތައް މަޢާފްކޮށްފައެއް ނުވެއެވެ.
ފިރުޒުލް ވިދާޅުވީ، އެ މުއްދަތުގައި ކޮށްފައިވާ ޖޫރިމަނާތަކުގެ ޖުމްލަ ޢަދަދު 2.8 މިލިއަނަށް އަރާކަމަށެވެ. އެ ހުރިހާ ޖޫރިމަނާއެއް މަޢާފްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީކަމަށް ފިރުޒުލް ވިދާޅުވިއެވެ.