ޚަބަރު

އަންނަ ހަފްތާއިން ފެށިގެން އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ


  • މެޑިކަލް ޗެކަޕްއަށް ތަފާތު ޕެކޭޖްތައް ތައާރަފްކުރާނެ

  • މިއީ ފުރަތަމަ 14 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ މަސައްކަތެއް

އަންނަ ހަފްތާއިން ފެށިގެން އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިކަން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ފުރިހަމަކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރެއިން 4 ހަފްތާގެ ތެރޭގައި ފުރިހަމަވެފައިވާ ކަންކަން މީޑިއާއާއި ހިއްސާކުރުމަށް ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ޙާއްސަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ ސަރުކާރުން ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެތެރޭގައި ހާސިލްކުރަން ބޭނުންވާ ކަންތައްތަކުގެތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ، އާސަންދައިން މެޑިކަލް ޗެކްއަޕްތައް ހެދުމަށްޓަކައި ތަފާތު އެކި ޕެކޭޖްތައް ތައާރަފްކުރެވިގެންދާނެ ކަމަށެެވެ. އަދި އަންނަ ހަފްތާއިން ފެށިގެން ސަރުކާރުގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ދަށުން މި ޚިދުމަތް ލިބެން ފަށާނެކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

" ވަކި ވަކި އުމުރު ފުރާތަކަށްވެސް ހާއްސަ ޕެކޭޖްތަކެއް ތައާރަފްކުރެވިގެންދާނެ، އަދި 2024ވަނަ އަހަރު ފުރަތަމަ ކުއާޓަރ ދެވަނަ ކުއާޓަރއިން ފެށިގެން މި ޕެކޭޖްތައް ފުޅާކުރެވި، ގިނަ ރައްޔިތުންނަށް އޭގެ ފައިދާ ލިބިގެންދާނެ،" ފިރުޒުލް ވިދާޅުވިއެވެ.

މެޑިކަލް ޗެކަޕް ހެދުމުގެ އިތުރުން ދަރިމައިވުމާގުޅޭ ފަރުވާގެ ޙިދުމަތްތައް، އާސަންދަ މެދުވެރިކޮށް މިއަދުން ފެށިގެން ލިބެން ފަށާނެކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

" ކުރިއަށް އޮތް ދުވަސްތަކުގައި އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށްފަހު، މި ފަރުވާތަކުގެތެރެއަށް އައިވީއެފް ހިދުމަތްވެސް ކައިރި މަދު ހަފްތާއެއްގެ ތެރޭގައި ރައްޔިތުންނަށް ބޭނުން ހިފެން ފެށޭނެ،" ފިރުޒުލް ވިދާޅުވިއެވެ.

އަންހެނުންނަށް ދިމާވާ 'އެންޑޮމެޓްރިއޯސިސް' އަދި 'ޕީ.ސީ.އޯ.އެސް' ފަރުވާ އާސަންދައިން ދިނުމަށް ނިންމި ނިންމުމަކީ، ދަރިމައިވުމުގެ ފަރުވާއާއި އައިވީއެފް އާސަންދައިން ލިބޭނެގޮތް ފަހިކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމުގެ އެއްބައިކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.

އަންހެނުންނަށް ދިމާވާ ސިއްޙީ މައްސަލަތަކަށް މުޖުތަމަޢު ހޭލުންތެރިކުރުމުގެ މުހިންމުކަން ކެބިނެޓުން ފާހަގަކުރައްވާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ. އެގޮތުން ސިއްޙީ ޚިދުމަތްތެރިންނާއި ޢާންމުންގެ ތެރޭގައި މިކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށްވެސް ފިރުޒުލް މީގެކުރިންވަނީ ވިދާޅުވެފައެވެ.