ޚަބަރު

ބްރޯޑްކާސްޓިންގ ކޮމިޝަނަށް އައްޔަން ކުރުމަށް 6 ނަން ފާސްކޮށްފި


މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް 6 މެންބަރަކު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

މަޖިލީހުން މިއަދު ފާސްކުރެއްވި 6 ބޭފުޅުންގެ ނަން މަޖިލީހުން ފާސްކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުއްވެވިއިރު އިސްކަން ދެއްވާފައިވާ ތަރުތީބުންނެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އައްޔަންކުރެއްވުމަށް މަޖިލީހުން ފާސްކުރައްވާފައިވާ ހަ ބޭފުޅުންނަނީ، އެ ކޮމިޝަންގެ މިހާރުގެ ރައީސް މުޙައްމަދު ޝަހީބާއި، ޅ. ހިންނަވަރު ފަހަލަ އިސްމާއިލް ސަފްވާނާއި، ވ. ވެރޯނިކާ ޙަސަން ނަބާހާއި، ކ. ދިއްފުށީ ހުވަނދުމާގޭ ފާޠިމަތު ޒައިނާ އާއި، ގދ. ގައްދޫ އަތިރީގޭ ޒީނާ ޒާހިރުގެ އިތުރުން ގ. ގޮފި އާމިނަތު ސަރާހަތު އިއްޒަތެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނަށް އެންމެ ފަހުން ޢައްޔަން ކުރެއްވި މުޙައްމަދު އަސްލަމް ފިޔަވާ އެ ކޮމިޝަނުގެ ހުރިހާ މެމްބަރުންގެ ދައުރު މިއަދު ހަމަވާނެއެވެ.