ޚަބަރު

ބުޅާ މަރާލި މީހާގެ ބަންދު އިތުރުކޮށްފި


  • އޭނާގެ ބަންދުގެ މުއްދަތު 5 ދުވަހަށް އިތުރުކުރި

  • އެކަށީގެންވާ ހެއްކާއި ޤަރީނާ ލިބިފައިވާކަމަށް

މާލޭގެ މަގުމަތީގައި ބުޅަލަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މީހާގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް އިތުރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ބުޅަލަކަށް އަނިޔާކޮށް މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، އަޙްމަދު ނަސީމް ޖަވާހިރުވާދީ / މ.ކޮޅުފުށި އެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަތާ ވަނީ މަހެއްހާ ދުވަސްވެފައެވެ. އޭނާގެ ބަންދުގެ މުއްދަތު މީގެ ކުރިންވެސް ވަނީ އިތުރުކޮށްފައެވެ. ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި އޭނާގެ ބަންދުގެ މުއްދަތު ފަސް ދުވަސް އިތުރުކޮށްފައި ވެއެވެ.

ކޯޓު އަމުރުގައި ވާގޮތުން ޖަނަވާރަކަށް އަނިޔާކޮށް މަރާލި މައްސަލައިގައި އަޙްމަދު ނަސީމްގެ މައްޗަށް ދައުވާކުރުމަށް ކުރިއަށް އޮތް 5 - 7 ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭވަރު ވާނެކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމުގެ ސަަބަބެއް ކަމުގައި ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ކުށުގެ ތުހުމަތަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ޤަރީނާ ހުށައަޅާފައިވުމާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އޭނާ ދޫކޮށްލައިފިނަމަށް މުޖުތަމައަށް އޭނާގެ ސަބަބުން ނުރައްކާތެރިވެދާނެކަމަށް ލަފާކުރެވޭތީކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވީ އޭނާ ބުޅަލަށް އަނިޔާކޮށް މަރާލިކަމުގެ ހެކި ސީސީޓީވީ ފޫޓޭޖްތަކުން ފެންނަން އެބަހުރި ކަމަށާއި، އޭނާ ބުޅަލަށް ހަމަލާދިން ކަމަށް އިތުރު ފަރާތެއްގެ ބަޔާން ލިބިފައިވުމުގެ އިތުރުން އެހެން ޖަނަވާރަކަށް ހަމަލާދޭން އުޅެފައިވާކަން ކަށަވަރުވެފައިވާކަމަށެވެ.