ޚަބަރު

މާލެ ސިޓީ ކައުންސިލް ބަައި-އިލެކްޝަން: 3 ގޮނޑިއަށް 14 ފަރާތުން ކުރިމަތިލި


  • ހެންވޭރު ދެކުނު ދާއިރާގެ ގޮނޑިއަށް 4 ފަރާތުން ކުރިމަތިލި

  • މާފަންނު ދެކުނު ދާއިރާގެ ގޮނޑިއަށް 5 ފަރާތުން ކުރިމަތިލި

  • މެދު ހެންވޭރު ދާއިރާގެ ގޮނޑިއަށްވެސް 5 ފަރާތުން ކުރިމަތިލި

މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ
ބައި-އިލެކްޝަންގައި ވާދަކުރުމަށް 14 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ބައި-އިލެކްޝަން ބާއްވަނީ މާލޭ ސިޓި ކައުންސިލްގެ މާފަންނު ދެކުނާއި، މެދު ހެންވޭރު އަދި ސިޓީ ކައުންސިލުން އަންހެނުންނަށް ޚާއްސަކޮށްފައިވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރުން ސަރުކާރުގެ އެހެން މަޤާމުތަކަށް އައްޔަން ކުރެއްވުމާ ގުޅިގެން އެގޮނޑިތައް ހުސްވުމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވީ ސިޓީ ކައުންސިލުން ހުސްވެފައިވާ ހެންވޭރު ދެކުނު ދާއިރާގެ ގޮނޑިއަށް 4 ފަރާތަކުން އަދި މާފަންނު ދެކުނާއި، މެދު ހެންވޭރު ދާއިރާގެ ކޮންމެ ގޮނޑިއަކަށް 5 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ.

"މާފަންނު ދެކުނަށް 5 އެޕްލިކޭޝަން ލިބިފައިވަނީ. އެއީ ސައްޙަ އެޕްލިކޭޝަންގެ ގޮތުގައި ކޮމިޝަނުން ނިންމާފައި އޮތީ. ދެން މެދު ހެންވޭރަށް 5 އެޕްލިކޭޝަން ލިބުނު، އެކަމަކު އޭގެ ތެރެއިން 4 އެޕްލިކޭޝަން ސައްޙަ ވަނީ. އަދި ހެންވޭރު ދެކުނުގެ ގޮނޑިއަށް ލިބުނު 4 އެޕްލިކޭޝަންވެސް ސައްޙަ." ޙަބީބް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖެނުއަރީމަހުގެ 13ވަނަ ދުވަހުއެވެ. މިދުވަހު މާލޭ ސިޓީގެ މޭޔަރު އިންތިޚާބުވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މާލޭގެ މޭޔަރުކަމަށް ވާދަކުރުމަށް 5 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.

މޭޔަރު އިންތިޚާބާއި، ސިޓީ ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އިޢުލާނުކުރުމާއި، ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.