ޚަބަރު

މުޒާހަރާއެއްގައި ފުލުހަކަށް އަނިޔާކުރި މީހަކު 7އަހަރަށް ޖަލަށް


މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ފުލުހަކަށް އަނިޔާކުރި މީހަކު 7 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރައްވައިފިއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ފުލުހަކަށް އަނިޔާ ކުރިކަމުގެ ތުހުމަތުގައި ދައުލަތުން ނ.މިލަދޫ ނޫރާނީގޭ މުޙައްމަދު އިޤްބާލްގެ މައްޗަށް ކުރައްވައިފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ކުށުގެ ދަޢުވާއެވެ.

މިމައްސަލަ ނިންމަވާ ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ޙުކުމްގައިވަނީ މެއި މަހުގެ އެއްވަނަ ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ މީހަކު ދުވެފައި ދަނިކޮށް، މުޒާހަރާގެ ބައިވެރިންގެ ތެރެއިން މީހަކު އެ ފުލުސްމީހާ ވައްޓާލުމުން، މުޙައްމަދު އިޤްބާލް އަތުގައި އޮތް ހެލްމެޓަކުން ފުލުސްމީހާގައިގައި ޖަހާ މާރާމާރީ ހިންގިކަން ދައުލަތުން ހުށައަޅުއްވާފައިވާ ހެއްކާއި ޤަރީނާތަކުން ސާބިތުވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ފުލުސްމީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް މެޑިކަލް ރިޕޯޓްތަކުން ސާބިތުވާކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުން ހިންގި ކަމަށް ސާބިތުވެ އޭނާ 7 އަހަރަށް ޖަލަށްލުމަށް ޙުކުމް ކުރައްވައިފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި މާރާމާރީ ހިންގައި ފުލުހުންނަށް އަނިޔާކޮށްފައިވާތީ އިތުރު ބައެއްގެ މައްޗަށްވެސް ދައުލަތުން ވަނީ ދައުވާ އުފުއްލަވާފައެވެ. އަދި މޭޑޭގެ މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް ހިއްވަރު ދިންކަމަށް ސާބިތުވެ އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ ސާބިތުވެ 12 އަހަރަށް ޖަލަށްލުމަށް ޙުކުމް ކުރައްވާފައިވެއެވެ.