ޚަބަރު

ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އދ.ގެ އާންމު މަޖިލީހުން ޤަރާރެއް ފާސްކޮށްފި


އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އދ.ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.

ޒަމާންވީ ފަލަސްޠީނުގެ މައްސަލައަށް އެއްވެސް ކަހަލަ ޙައްލެއް ނުލިބުމުގެ ކަންބޮޑުވުންތަކާ އެކު 193 މެމްބަރު ޤައުމު ހިމެނޭ އދ.ގެ އާންމު މަޖިލީހުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ވަގުތުން ވަގުތަށް ގަތުލުއާންމުތައް ހުއްޓާލުމަށާ ޝަރުތަކާ ނުލައި ރަހީނުކޮށްފައިވާ ހުރިހާ އަސީރުން ދޫކޮށްލުމަށް ގޮވާލާ ވަނީ ޤަރާރެއް ފާސްކޮށްފައެވެ.

މި ޤަރާރަށް 153 ޤައުމުން ތާޢީދުކޮށްފައިވާއިރު މި ޤަރާރާ ދެކޮޅަށް 10 ޤައުމަކުން ވަނީ ވޯޓު ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ އޮސްޓްރިއާ، ޗެކް ރިޕަބްލިކް، ގުއަޓެމާލާ، އިސްރާއީލް، ލައިބީރިއާ، މައިކްރޯނީޝިއާ، ނައުރޫ، ޕަޕުއާ ނިއު ގިނީ، ޕެރަގުއޭ އަދި އެމެރިކާ އެވެ.

23 ޤައުމަކުން ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ. އޭގެ ތެރޭގައި އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު އަދި އެމެރިކާގެ ގާތް ބައިވެރިއެއް ކަމަށްވާ ފަރަންސޭސިވިލާތް، ޗައިނާ ރަޝިޔާ އަދި އިނގިރޭސިވިލާތް ހިމެނެއެވެ. ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް އެމެރިކާގެ އަސްކަރީ އަދި މާލީ އެހީތެރިކަން ލިބެމުން އަންނަ ޔޫކްރޭނުން ވެސް މި ޤަރާރަށް ވޯޓު ދީފައެއް ނުވެއެވެ. އަދި އިސްރާއީލަށް ތާއީދުކުރާ ޖަރުމަނުވިލާތްވެސް ވަކި ކޮޅަކަށް ވޯޓުދީފައެއް ނުވެއެވެ.

އދ.ގެ އާންމު މަޖިލީހުން ނިންމާ ޤަރާރުތަކަކީ ޤާނޫނީ ގޮތުން ޤައުމުތަކަށް ބާރު ފޯރުވާ ޤަރާރުތަކަކަށް ނުވި ނަމަވެސް، އެއީ އިންސާނީ ތަފާތު މައްސަލަތަކާ ގުޅޭގޮތުން ޤައުމުތަކުން ދެކޭ ގޮތާ ޤައުމުތަކުން ތާޢީދުކުރާ ގޮތް ދުނިޔެއަށް އެނގިގެންދާ ނުފޫޒުގަދަ ޤަަރާރުތަކެކެވެ.

މި ޤަރާރު ފާސްކުރުމާ ގުޅިގެން ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ރިޔާދް މަންސޫރު ވަނީ މިކަމަށް މަރުޙަބާ ވިދާޅުވެފައެވެ. މި ނިންމުމަކީ މުހިއްމު އަދި އެހާމެ ބޭނުންތެރި ނިންމުމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. މީޣެ އިތުރުން، މި ޤަރާރުގައި ކަނޑައަޅާފައިވާ ކަންކަމަށް އިސްރާއީލުން ބޯލަނބާނެކަމަށް އުއްމީދުކުރާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 18,412 އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 50,000 އަށް އުފުލިފައެވެ. އެ މީހުންނަށް ޞިއްޙީ ފަރުވާ ދެވޭނެ ގޮތެއް ނެތް އިރު، ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އެތަކެއް ހާސް ބަޔެއްގެ ހަށިތައް ތާށިވެފައިވާ ކަމުގައި ވެސް ޣައްޒާގެ އޮފިޝަލުން ވިދާޅުވެއެވެ.