ކުޅިވަރު

ސާބާ ވިމެންސް މުބާރާތް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރަނީ


ސާބާ ވިމެންސް ބާސްކެޓް ބޯޅަ މުބާރާތް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސައުތު އޭޝިއަން ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު ހާފިޒު ވިދާޅުވެއްޖެއެވެ. 

ނޭޕާލްގައި ނިމުނު ސާބާ ޗެމްޕިއަންޝިޕަށްފަހު ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ހާފިޒު ވިދާޅުވީ މިއަހަރު އަލަށްފެށި އަންހެނުންގެ ބާސްކެޓް މުބާރާތް ރާއްޖޭގައި ބޭއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. ސަރަހައްދުގެ ޤައުމުތަކުންވެސް މިމުބާރާތް ރާއްޖޭގައި ބޭއްވުމަށް ފުރިހަމަ ތާޢީދު ކުރާ ކަމަށްވެސް ރާއްޖޭގެ ބާސްކެޓް އެސޯސިއޭޝަންގެ ރައީސްކަން ކުރައްވަމުންގެންދަވާ ހާފިޒު ވިދާޅުވިއެވެ.

" ސަރުކާރާއެކު ވާހަކަދެއްކެވުމަށްފަހު މުބާރާތް ރާއްޖޭގައި ބާއްވާކަން ނުވަތަ ނޫންކަން ބުނަން އިނގޭނީ. ސާބާގެ ތެރެއިން މިމުބާރާތް ރާއްޖޭގައި ބޭއްވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް" ހާފިޒު ވިދާޅުވިއެވެ.

މިފަހަރު މުބާރާތުން ލޯމެޑަލް ރާއްޖެއަށް ލިބުމާއެކު މިފަދަ މުބާރާތެއް އަމިއްލަ ފަސް ގަނޑުގައި ބޭއްވުމަކީ ރާއްޖޭގެ ބާސްކެޓްގެ ކުރިމަގަށްވެސް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ހާފިޒު ފާހަގަކުރެއްވިއެވެ. އެއް ކޯޓުގައި މުބާރާތް ކުރިއަށްގެންދެވޭނެ ކަމަށާއި، މިފަހަރުގެ މުބާރާތުގެ ތަޖުރިބާއަށް ބަލާފަ މިއީ ރާއްޖޭގައި ރަނގަޅު ފެންވަރެއްގައި ބޭއްވޭނެ މުބާރާތެއް ކަމަށްވެސް ސައުތު އޭޝިއަން ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު ހާފިޒު ވިދާޅުވިއެވެ.

ސާބާ ވިމެންސް ޗެމްޕިއަންޝިޕް ދެން އޮންނާނީ އަންނަ އަހަރުއެވެ.މުބާރާތް ބާއްވާނެ ޤައުމަކާއި ތާރީހެއް ނިންމާނީ މިއަހަަރުގެ ޖޫން ނުވަތަ ޖުލައި މަހުއެވެ.