ޚަބަރު

"ޢުދުވާން ހުއްޓައިނުލަނީސް އިތުރު އަސީރުން މިނިވަނެއް ނުކުރާނަން"


ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ އުދުވާންތައް ހުއްޓައިނުލަނީސް ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ނުކުރާނެ ކަމުގައި އެ ޖަމާޢަތުން ބުނެފިއެވެ. ލުބުނާނުގައި ހުންނަ ޙަމާސްގެ އިސްވެރިއެއް ކަމުގައިވާ އުސާމާ ޙަމްދާން ވިދާޅުވީ، އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޔަހޫދީން ތައްޔާރަށް އޮތް ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ޚަބަރެއް ކަމުގައެވެ.

"ޔަހޫދީންގެ އުދުވާންތައް ހުއްޓައިނުލަނީސް އެ މީހުންނާ އެކު އެއްވެސް އެއްބަސްވުމެއް އެކުލަވައިލުމުގެ ވިސްނުމެއް ނެތް. ޙަމާސްއާ އެކު އަސީރުން ބަދަލު ކުރުމުގެ އެއްބަސްވުމެއް އެކުލަވައިލަން މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ ޔަހޫދީ ނޫސްތަކުގައި ފަތުރަމުން ދަނީ ދޮގު ޚަބަރެއް. އެއީ ބޮޑު އޮޅުވައިލުމެއް،" ޙަމްދާން ވިދާޅުވިއެވެ.

ފަލަސްޠީނުގެ މުސްލިމުންގެ ލޭއޮހޮރުވުން ހުއްޓައިނުލާހާ ހިނދަކު، ޔަހޫދީންނާ އެކު އެއްވެސް މަޝްވަރާއެއްގައި ބައިވެރިވާން ޙަމާސުން ބޭނުން ނުވާ ކަމަށާއި، ޔަހޫދީންގެ އުދުވާންތަކަކީ އެ މީހުންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އޭނާގެ ސަރުކާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވާން ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ގަތުލުއާންމެއް ކަމުގައި ވެސް ޙަމްދާން ވިދާޅުވިއެވެ.

ޔަހޫދީންގެ މީޑިޔާއެއް ކަމުގައިވާ ޗެނަލް 12އިން ދާދި ފަހުން ވަނީ ޙަމާސްއާއި ޔަހޫދީންނާ ދެމެދު އަސީރުން ބަދަލު ކުރުމުގެ އެއްބަސްވުމެއް އެކުލަވައިލަން މަޝްވަރާ ކުރަމުންދާ ކަމަށް ބުނެފައެވެ. އަދި، އެ އެއްބަސްވުމުގެ ދަށުން ޙަމާސުން ރަހީނު ކޮށްފައިވާ އަންހެނުންނާއި، ބަލި މީހުންނާއި އުމުރުން ދުވަސްވީ މީހުން މިނިވަން ކުރާނެ ކަމުގައި ވެސް އެ މީޑިޔާއިން ބުންޏެވެ.

ނޮވެންބަރު މަހުގެ 24 ވަނަ ދުވަހު ޙަމާސްއާއި ޔަހޫދީންނާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން އެ ޖަމާޢަތުން ވަނީ 110 އަސީރުން މިނިވަން ކޮށްފައެވެ. އޭގެ ތެރޭގައި ޔަހޫދީންގެ 80 މީހުން ހިމެނެެއެވެ. އަދި، ޔަހޫދީން ވެސް ވަނީ، އެ މީހުން ހައްޔަރުކޮށް ޖަލަށްލާފައިވާ ފަލަސްޠީނުގެ 240 މީހުން މިނިވަން ކޮށްފައެވެ. ނަމަވެސް، ޤަަޠަރާއި މިޞްރުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ހަދާފައިވާ އެއްބަސްވުން ހަތް ދުވަހަށް ފަހު ޔަހޫދީން ވަނީ ރޫޅައިލާފައެވެ.

ޙަމާސް ޖަމާޢަތުން ޔަހޫދީންގެ ބަޔަކު ރަހީނު ކޮށްފައި ވަނީ އޮކްޓޫބަރު 7 ވަނަ ހިންގި ޚާއްޞަ އަސްކަރީ ޙަރަކާތެއްގައެވެ. ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ފަށާފައިވާ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 18,200 އަށް އަރައިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 50,000 އަށް އުފުލިފައެވެ.