ޚަބަރު

އާސަންދަ ބަޖެޓުގެ %65 ހޭދަކުރަނީ ބޭހަށް


  • އާސަންދަ ބެޖެޓުން ކުރާ ހޭދަ ބޮޑު

  • 14000 އަށްވުރެ ގިނަ ބްރޭންޑްގެ ބޭސް މިހާރުވެސް ލިސްޓުކޮށްފައިޥޭ

  • ޚަރަދު ކުޑަކުރާނެ ގޮތްތަކެއް ދަނީ ހޯދަމުން

ދައުލަތުގެ ބޭސްފަރުވާގެ ނިޒާމް، އާސަންދަ ސްކީމުން އެންމެ ބޮޑު ޚަރަދެއް ހިނގަނީ ބޭހަށްކަމަށާއި، ބަޖެޓުގެ 65 އިންސައްތަ އެކަމަށް ޚަރަދުވާކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އައިމިނަތު ޒީނިއާ ވިދާޅުވެއްޖެއެވެ. ޒީނިއާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގައި ދެއްކެވި ވާހަކަފުޅުގައެވެ.

އާސަންދައިގެ މެނޭޖިންގ ޑިރެކްޓާރ ޒީނިޔާ ވިދާޅުވީ އެކުންފުނީގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކުރަނީ ބޭސްފަރުވާއަށްވުރެ ބޮޑަށް ބޭސް ގަތުމަށްކަަމަށެވެ. ރާއްޖޭގެ ބޭސް ލިސްޓުގައި މިހާރުވެސް 14000 އަށްވުރެ ގިނަ ބްރޭންޑް ތަކުގެ ބޭސް އެބަހުރިކަމަށާއި، އާސަންދައިން ދޫކުރަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން އެޕްރޫވް ކޮށްފައިވާ ޑްރަގް ލިސްޓުގައި ހިމެނޭ ބޭސްތައް އެކަނިކަމަށް ޒީނިޔާ ވިދާޅުވިއެވެ.

ނަމަވެސް ބޭހުގެ ކޮލެޓީ ދައްވެގެން އެމްއެފްޑީއޭއިން އަންގައިފި ނަމަ ވަގުތުން އެބޭހެއް، ސްކީމުން ވަކިކުރާ ކަމުގައިވެސް ޒީނިޔާ ވިދާޅުވިއެވެ. އަދި އަގު ބޮޑުވިނަމަވެސް ކޮންމެ ބައްޔަކަށްވެސް ރަނގަޅު ކޮލެޓީގެ މަދުވެގެން 10 ނުވަތަ 15 ބްރޭންޑެއްގެ ބޭސް އާސަންދަ ސްކީމްގައި ހިމަނަން މަސައްކަތްކުރައްވާކަމަށް ޒީނިޔާ ވިދާޅުވިއެވެ. އެއީ އާސަންދަ ސްކީމްގެ ރިފޯމްގެ މަސައްކަތް ކުރިއަށް ގެންދާއިރު މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމެއް ކަމުގައިވެސް ޒީނިޔާ ވަނީ ވިދާޅުވެފައެވެ.

ޒީނިޔާ ވިދާޅުވީ ސްކީމްގެ ދަށުން ކޮންމެ ބްރޭންޑަކަށް އަގެއް ކަނޑައަޅާފައި ވާކަމުގައެވެ. ނަމަވެސް އަގުތައް ކަނޑައެޅިއިރު، އެކަންކޮށްފައިވަނީ އެއްވެސް ކަހަލަ ސައިންޓިފިކް ފޯމިއުލާއެއް މޮޑެލެއް ބޭނުން ކޮށްގެން ނޫން ކަމާ، އޭރުގައި ހުރި ޑާޓާއަށާއި ބޭސް ވިއްކާފައި ހުރި އަގުތަކަށް ބަލާފައި ކަމަށް ޒީނިޔާ ވިދާޅުވިއެވެ. އެހެންކަމުން ޑަބްލިއުއެޗްއޯ އާއެކު ރަނގަޅު ފޯމިއުލާއެއް ނުވަތަ ކޮސްޓް ކަލްކިއުލޭޓް ކުރުމަށް ރަނގަޅު މޮޑެލެއް ހޯދުމަށް މަޝްވަރާ ކުރަމުން އަންނަކަން އާސަންދަ ކުންފުނީގެ އައު މެނޭޖިންގ ޑިރެކްޓަރ ފާހަގަކުރެއްވިއެވެ.

ޒީނިޔާ ވިދާޅުވީ އާސަންދަ ސްކީމްގެ ބަޖެޓުން، 65 އިންސައްތަ ހޭދަކުރަނީ ބޭހަށްކަމަށެވެ.

"އަޅުގަނޑުމެންގެ ސްކީނުގެ 65ވަރަކަށް ޕަސެންޓް މިދަނީ ހަމަ ބޭހަށް. ދެން ބޭހުގަވެސް ވާގޮތަކީ އަޅުގަނޑުމެންނަކަށް ނޯވޭ އެއްވެސް ކަހަލަ ކޮންޓްރޯލެއް ފާމަސީތައް އެންޕެނަލް ކުރުމުގައެއް. ހަމަ އަންނަވަރަކުން އެންޕެނަލް ކުރަމުން މިދަނީ. އެއީވެސް ހަމަ ޕޮލިސީ ލެވެލްގަ ނަގަންޖެހޭ ޑިޒިޝަނެއް. މިސާލަކަށް ވަކި ޕޮޕިއުލޭޝަނަކަށް ވަކިވަރަކަށް ފާމަސީ ބެހެއްޓުން. މިހާރު ފާމަސީތައް ވަރަށް ގިނަ އެހެންވީމަ ފާމަސީއަށް ހަމަ އެންމެ ބޮޑުއެއަޗެއް ދަނީ." ޒީނިޔާ ވިދާޅުވިއެވެ.

ޒީނިޔާ ވަނީ އާސަންދައިން ކުރާ ހޭދަ ކުޑަކުރުމަށް ސިޔާސަތުތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި ރައްޔިތުންނަށް ވީހާވެސް ފަސޭހަ ނިޒާމަކަށް އާސަންދަ ނިޒާމް ހެދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އައިމިނަތު ޒީނިއާ ފާހަގަކުރެއްވިއެވެ.