އަންހެން ބޭފުޅުންނަކީ ސިޔާސަތު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވާންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލް އޮތޯރިޓީއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް މޯލްޑިވްސް، ޔޫއެންޑީޕީ ގުޅިގެން "ވިމެން އިން ލޯކަލް ގަވަނެންސް ފޯރަމް، "ރަންހިރު ދަރުބާރު" ނަމުގައި ކުރިއަށް ގެންދާ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފޯރަމްގެ މަޤްސަދަކީ ލޯކަލް ގަވަންމަންޓުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް އެކަންކަން ހައްލުކޮށް އިސްނެގުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ޤައުމެއް ކުރިއަށްދިއުމުގައި އަންހެނުން ބާރުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ރާއްޖޭގައި އެކި މަސައްކަތްތަކުގައި އަދި ސިވިލް ސަރވިސްގެ އެކި ވަޒީފާތަކުގައި އަންހެން ބޭފުޅުން ގިނަ ނަމަވެސް އަދިވެސް މަތީފަންތީގައި ލީޑްކުރުމުގައި ގިނައިން ހަރަކާތްތެރިވަނީ ފިރިހެނުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މިކަންކަން ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވައި އެކަމަނާ ވަނީ ރަންހިރު ދަރުބާރުގެ ތެރެއިން، އަންހެނުންނަށް ހުރި ގޮންޖެހުންތަކުގެ ވާހަކަތައް ދެކެވި މަޝްވަރާކޮށް، އެކަންކަމަށް ގޮތްތަކެއް ހޯދޭނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ ވަކި ހިސާބަކުން އަންހެނުން މަސައްކަތާ ދުރުވެގެންދާ ތަން. ހަގީގަތުގަ ފުރުސަތު ލިބިފައި އޮންނަނީ ލިޔެކިޔުމުގަ. އެހެންނަމަވެސް އެ ފުރުސަތުގަ އަޅުގަނޑުމެންގެ ރޯލު ތަފާތުވުމާއެކު ކުރިއަށްދިއުމަށް ގޮންޖެހުންތަކެއް އެބަހުރި،" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ސަރުކާރުން، އަންހެނުންގެ ތަރައްގީއަށާއި އަންހެނުންގެ ކުރިއެރުމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާކަމަށެވެ. އެގޮތުން ސަރުކާރުން އަންނަނީ އަންހެނުންނަށް ކުރިއަށްދެވޭނެ ފުރުސަތުތައް އިހުނަށްވުރެ އިތުރަށް ފަހިކޮށްދެމުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ސަރުކާރުން އަންހެނުން ބާރުވެރުކުރުމަށް ދަނީ އެތަށް މަސައްކަތެއް ކުރަމުން. މީގެ ކުރިން އަންހެނުންނަށް ލޯކަލް ކައުންސިލްތަކުގައި ވަކި ޚާއްސަ ގޮނޑިއެއް ނެތަސް މިހާރު ކައުންސިލްތަކުގައި %40 ކަނބަލުންގެ ހިއްސާ ލިބިފައިވޭ. %80 ދިވެހިރާއްޖޭގައި ތަޢުލީމް ހާސިލްކުރާ މީހުންނަކީ އަންހެނުން ބޭފުޅުން. އެލްޖީއޭއިން އަންހެނުން ބާރުވެރިކުރުމަށް ދަނީ އެތައް މަސައްކަތެއް ކުރަމުން." ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެރޮން ރޮސްލަރ ވިދާޅުވީ، ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ތަފާތު މައްސަލަތައް ދިމާވާކަމަށެވެ. އެގޮތުން ކެރޮން ވިދާޅުވީ ރާއްޖޭގައި ބައެއް ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން ދަށްކަމަށެވެ. އެހެންކަމުން ފިރިހެނުންނެކޭ އެއްފަދައިން އަނެހެނުންނަށްވެސް އެދާއިރާތަކުގައި މަސައްކަތްކުރުމަށް ބާރުއަޅާ ފުރުސަތުތައް ފަހިކޮށްދޭންޖެހޭކަން ކެރޮން ފާހަގަކުރެއްވިއެވެ.
"ރާއްޖޭގައި އެންމެ މަދުން އަންހެނުންގެ ބައިވެރިވުން ފެނިގެންދަނީ އިޤްތިސާދީ ދާއިރާއި ސިޔާސީ ދާއިރާގައި. ކީއްވެތޯ އަންހެނުންގެ ބައިވެރިވުން ކުޑަވާންވީ. ކަން މިހެން ހުރުމާއެކު އެހެން ދާއިރާތަކެކޭ އެއްފަދައިން މި ދާއިރާތަކުގައިވެސް އަންހެނުންގެ ބައިވެރުން އިތުރުކުރުމަށް މަސައްކަތްކުރަންޖެހޭ." ކެރޮން ރޮސްލަރ ވިދާޅުވިއެވެ.
ކެރޮން ވިދާޅުވީ ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަމަށެވެ. އެގޮތުން އަންހެން ބޭފުޅުން ކުރާ މަސައްކަތްކަށް ފާޑުކިޔުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. ކެރޮން ވިދާޅުވީ އެފަދަ މައްސަލަތައް ދިމާވުމުން އެކަންކަމާ އެހެންމީހުންނާ އެކު މަޝްވަރާކޮށް ހައްލު ހޯދުމަށް މަސައްކަތްކުރުމަށެވެ. އޭގެ އިތުރުން ރާއްޖޭގައި އަންހެނުނަށް ގެވެށި އަނިޔާގެ މައްސަލަތަކާ ކުރިމަތިލާންޖެހޭކަން ކެރޮން ފާހަގަކުރެއްވިއެވެ. ވުމާއެކު މިފަދަ މައްސަަލަތަކުން އަންހެނުން ރައްކާތެރިކުރުމަށް ޔޫއެންޑީޕީން މަސައްކަތްކުރަމުންދާނެ ކަމަށް ކެރޮން ވިދާޅުވިއެވެ.
އަންހެނުން ބާރުވެރިކުރުމާއި ގުޅޭ ފޯރަމް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ ދެ ދުވަހުގެ މުއްދަތަކަށް ޑިސެންބަރު މަހުގެ 12 އިން 13 އަށް މީރުމާ މާލަމުގައެވެ. މި ފޯރަމްގައި ސިޓީތަކާއި އަތޮޅުތައް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ތަމްސީލުވާގޮތަށް ޖުމްލަ 46 ބައިވެރިން ބައިވެރިވެއެވެ.
ފޯރަމުގެ މަޤްޞަދުތަކުގެ ތެރޭގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި ލޯކަލް ގަވަރނަންސް ނިޒާމުގެ ތެރޭގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުން ހިމެނެއެވެ. އަދި އަންހެން ކައުންސިލަރުންނާއި އ.ތ.މ. ކޮމިޓީތަކުގެ މެންބަރުނާ އެކުގައި މަޝްވަރާކޮށް ޚިޔާލާއި މަޢުލޫމާތު ބަދަލުކުރެވޭނެ މަންސައެއް ޤާއިމުކޮށްދިނުމާއި ޖެންޑަރ ސެންސިޓިވް ސިޔާސަތުތަކާ ގުޅޭގޮތުން ވަކާލާތުކޮށް މަޝްވަރާކުރުން ހިމެނެއެވެ.