ޚަބަރު

މިރޭ 9 އިން ފެށިގެން 2 ގަޑިއިރަށް ޕްރެޝަރުގައި ފެން ދޫކުރަނީ


މިރޭ ނުވަގަޑި ސުންމިނެޓުން ފެށިގެން ދެ ގަޑިއިރަށް މާލޭގެ ހުރިހާ ސަރަޙައްދުތަކަކަށް، ޕްރެޝަރުގައި ފެން ފޯރުކޮށްދެވޭނެކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއްޖެއެވެ. 

އެމް.ޑަބްލިއު.އެސް.ސީން ވިދާޅުވީ އެކުންފުނީގެ ބޯހޯލްތަކާއި ޑިސްޓްރިބިއުޝަން ޕަމްޕުތަކުން ކަރަންޓް ދިއުމުގެ ސަބަބުން ފެނުގެ ނެޓްވޯކްގައި ޕްރެޝަރ ދަށްވެ 3 ވަނަ ފަންގިފިލާއިން މަތީ ގޭބީސީތަކަށް ފެން ލިބުމުގައި ދިމާވި މައްސަލަ ހައްލުކުރެއްވުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިރޭ 9 އިން ފެށިގެން 2 ގަޑިއިރަށް ޕްރެޝަރުގައި ފެން ފޯރުކޮށްދެވޭނެކަމަށެވެ. އަދި އެހެނިހެން ގަޑިތަކުގައިވެސް ތިންވަނަ ފަންގިފިލާއާއިން ތިރިއަށް މެދުކެނޑުމެއް ނެތި ފެން ލިބޭނެކަމަށްވެސް އެމް.ޑަބްލިއު.އެސް.ސީން މަޢޫލޫމާތުދެއްވައެވެ. 

އިއްޔެ މާލެއިން ކަރަންޓް ކެނޑުމާ ގުޅިގެން، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމް.ޑަބްލިޔު.އެސް.ސީގެ ފެނުގެ ނިޒާމުގެ ބޯހޯލްތަކާއި، ޑިސްޓްރިބިއުޝަން ޕަމްޕުތަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، މާލޭގެ ބައެއް ޢިމާރާތްތަކުގެ ތިންވަނަ ފަންގިފިލައިން މަތީގެ ބައިތަކަށް ފެން ނުލިބުމުގެ މައްސަލަ ވަނީ ދިމާވެފައެވެ. މި މައްސަލަ ދިމާވިނަމަވެސް މާލޭގެ އެއްވެސް ގެއަކުން މުޅިން ފެން ކެނޑިގެން ނުދާނެކަމަށް އެކުންފުނިން ހާމަކުރައްވައެވެ. މިކަން ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، މި މައްސަލަ ޙައްލުކުރުމަށްޓަކައި ހުއްޓުމެއް ނެތި އެކުންފުނީގެ އިންޖިނިއަރުންނާއި، ޓެކްނީޝަނުން މަސައްކަތްކުރަމުން ގެންދާކަމަށެވެ. އަދި މިރޭގެ 9 އަކާއި 11 އާ ދެމެދު މިހާރު ދިމާވެގެން އުޅޭ މައްސަލަ ޙައްލުވިޔަސް، ނުވިޔަސް މާލޭގެ ހުރިހާ ސަރަހައްދަކަށްވެސް ކުރިއެކޭ އެއްގޮތަށް ޕްރެޝަރުންގައި ފެން ދޫކުރާނެކަމަށެވެ. 

މިކަމަށް ޙައްލެއް ގެނައުމަށް ރާއްޖެއިން ބޭރުން އެއްވެސް އެއްޗެއް ގެންނަޖެހޭ ފަދަ ޙާލަތަކަށް ނުދާ ކަމަށާއި ކުންފުނީގެ އިންޖިނިއަރުންނަށް މިކަން ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވާކަން ފަޒުލް ފާހަގަކުރެއްވިއެވެ. ފަޒުލް ވިދާޅުވީ، މި މައްސަލައާ ގުޅިގެން މާލެއަށް ބޭނުންވާ ފެން އުފެއްދުމުގެ މަސައްކަތް އެކުންފުނިން ހުއްޓާނުލާކަމަށާއި، އެއްވެސް ޙާލެއްގައި ގޭގެއަށް ފޯރުކޮށްދޭ ފެން ލިމިޓްކޮށްފައި ނުވާނެކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދަތިނުވާ މިންވަރަށް ފެނުގެ ސްޓޯރޭޖް އިތުރުކުރުމަށް ހުޅުމާލެ އާއި ތިލަފުށިން ފެން ގެނެސްފައިވާކަމަށް ފަޒުލް ވިދާޅުވިއެވެ. އެގޮތުން މި މަސައްކަތުގައި ރޭ ދަންވަރުގެ ވަގުތުން ފެށިގެން ސިފައިންގެ އެހީތެރިކަން ލިބެމުންދާކަމަށާއި، މިކަމުގެ ބޭނުމަކީ ފެނުގެ ދަތިކަން ރައްޔިތުންނަށް ދިމާވުމުގެ ފުރުޞަތު ކުޑަކުރުންކަމަށްވެސް އެކުންފުނިން ހާމަކުރައްވައެވެ. އެހެންނަމަވެސް، މިފަދަ ވަގުތެއްގައި، ކޮންމެހެން ބޭނުންކުރަންޖެހޭ ވަގުތުތަކުގައި ފެން ބޭނުންކުރަމުން ގެންދިއުމަށް އެކުންފުނިން ވަނީ އިލްތިމާސްކުރައްވާފައެވެ.