ޚަބަރު

މަހާސިންތާއަށް އޭދަފުށްޓަށް ދިއުމަށް ޕީޕީއެމްއިން ތައްޔާރުވަނީ


މިމަހުގެ ފަހަކުން އަށަކަށް ބ.އޭދަފުށީގައި ބާއްވާ ޕީ.ޕީ.އެމްގެ ކެމްޕެއިން ލީޑަރުން ތަމްރީންކުރުމުގެ މަހާސިންތާއަށް އޭދަފުށްޓަށް ފުރުމުގެ ތައްޔާރީތައް އެޕާޓީން ފަށައިފިއެވެ.

މިއީ މިމަހާސިންތާގެ ހަތަރުވަނަ ބުރެވެ. މި މަސައްކަތުގެ ދަށުން މިއަދު ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ވަނީ އޭދަފުއްޓަށް ދަތުރުކުރާ ދޯނި ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މަހާސިންތާތައް އަތޮޅުތަކުގައި ބޭއްވުމަށް ނިންމެވީ، އަތޮޅުތަކުގައި ތިއްބެވި ޕީޕީއެމްގެ މެމްބަރުންގެ އެދުމުގެ މަތިންކަން ކަމަށާއި، ބ.އަތޮޅުގައި މަހާސިންތާ ބާއްވަނީ އެއަތޮޅުގެ މީހުން ދިރިއުޅޭ ތޭރަ ރަށަށް އަމާޒުކޮށް، ތިން ސަރަޙައްދަކަށް ބަހާލައިގެންކަމަށް ކެމްޕެއިން އޮފީހުން ވިދާޅުވެއެވެ.

ބ. އަތޮޅުގެ މަހާސިންތާ ނިމުމުން ދެން މަހާސިންތާ ބާއްވާނެ އަތޮޅެއް އިޢުލާނު ކުރައްވާނެކަމަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ބުނެއެވެ.