ކުޅިވަރު

ކޮޅުމަޑުލު އަތޮޅު ކައުންސިލުން ބާއްވާ ވޮލީ މުބާރާތް ފަށައިފި


ތ.އަތޮޅު ކައުންސިލުން ބާއްވާ ކޮޅުމަޑުލު ވޮލީ މުބާރާތް ފަށައިފިއެވެ. މިމުބާރާތް ކުރިއަށްދަނީ އަންހެން އަދި ފިރިހެން ޑިވިޝަނަށް ބަހާލައިގެނެވެ، މިމުބާރާތުގެ މިއަދު ހަވީރު ކުޅުނު ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗް ކާމިޔާބުކުރީ ހިރިލަންދޫ ޓީމެވެ. ދިޔަމިގިލީގައި ކުޅުނު މެޗް ހިރިލަންދޫއިން ކާމިޔާބު ކުރީ މަޑިފުއްޓާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މިމެޗްގެ ސެޓްތައް ހިރިލަންދޫ ކާމިޔާބުކުރީ ފަންސަވީސް ނަވާރަ، ތިރީސް އަށާވީސް އަދި ފަންސަވީސް ނަވާރައިންނެވެ.

މިމެޗެގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިރިލަންދޫ ޓީމަށް ކުޅެމުންދާ ރާއްޖޭގެ ޤައުމީ ޓީމްގެ އިސްމާއީލް ސާޖިދެވެ. މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި މާދާމާ ކުޅޭ މެޗްގައި ބައްދަލުކުރާނީ މަޑިފުއްޓާއި ދިޔަމިގިއްޔެވެ. 

img:http://s4.psmnews.mv/images/660x400/14596928232122.jpg|ކޮޅުމަޑުލު އަތޮޅު ވޮލީ މުބާރާތް ބަލާލުމަށް ގޮސް ތިބި ސަޕޯޓަރުން: ފޮޓޯ: ކޮޅުމަޑުލު އަތޮޅު ކައުންސިލް

ކޮޅުމަޑުލު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ދެ ޑިވިޝަނަށް ބަހާލައިގެން ބާއްވާ މިމުބާރާތުގެ އަންހެން ޑިވިޝަންގެ މެޗެއްވެސް މިއަދު ވަނީ ކުޅެފައެވެ. މިއަދު ހެނދުނު ދިޔަމިގިލީގައި ކުޅުނު މިމެޗް ދިޔަމިގިލީ ޓީމުން ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުން މަޑިފުށީ އަންހެނުންގެ ވޮލީ ޓީމްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މެޗްގެ ފުރަތަމަ ސެޓް ފަންސަވީސް ބާވީހުން ދިޔަމިގިލީ އަންހެނުންގެ ވޮލީ ޓީމް ކާމިޔާބު ކުރިއިރު ދެވަނަ ސެޓް ފަންސަވީސް ނަވާރައިން ކާމިޔާބުކުރީ މަޑިފުށީ އަންހެނުންގެ ވޮލީ ޓީމެވެ. އަދި 3 ވަނަ ސެޓް ފަންސަވީސް އަށާރައިން ދިޔަމިގިލިން ކާމިޔާބު ކުރިއިރު 4 ވަނަ ސެޓް މަޑިފުށި ކާމިޔާބުކުރީ 25 ، 16 އިންނެވެ. މެޗްގެ ފަހު ސެޓް ދިޔަމިގިލިން ކާމިޔާބުކުރީ ފަންސަވީސް ބާރައިންނެވެ. 

img:http://s1.psmnews.mv/images/660x400/14596926751703.jpg|ކޮޅުމަޑުލު އަތޮޅު ވޮލީ މުބާރާތުގެ ތެރެއިން: ފޮޓޯ: ކޮޅުމަޑުލު އަތޮޅު ކައުންސިލް

މި މުބާރާތުގައި ޖުމްލަ 7 ޓީމް ބައިވެރިވެފައިވެއެވެ. އެއީ އަންހެން 3 ޓީމާއި ފިރިހެން 4 ޓީމެވެ. ފިރިހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ ވިލުފުށި، މަޑިފުށި، ދިޔަމިގިލި، އަދި ހިރިލަންދޫއިންނެވެ. އަންހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ ވިލުފުށި، މަޑިފުށި އަދި ދިޔަމިގިލިންނެވެ. 

ދިޔަމިގިލީގައި އަލަށް ހެދި ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކެވެ. 10 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތް ނިމޭނީ މިމަހުގެ ބާރަވަނަ ދުވަހެވެ. މިމުބާރާތުގައި ޤައުމީ ފެންވަރުގެ ކުޅުންތެރިންނާއި ރާއްޖެއިން ބޭރުގެ ކުޅުންތެރިންވެސް ބައިވެރިވާކަމަށް ކޮޅުމަޑުލު އަތޮޅު ކައުންސިލުން މައުލޫމާތުދެއްވައެވެ. 

ކޮޅުމަޑުލު އަތޮޅު ކައުންސިލުން ގެންދަވަނީ އަތޮޅު ފެންވަރުގެ މިފަދަ މުބާރާތްތައް ބާއްވަމުންނެވެ. މިގޮތުން މިދިޔަމަހު އެކައުންސިލުން ވަނީ އަތޮޅުގެ ސްކޫލްތަކަށް ހާއްސަކޮށްގެން އެތުލެޓިކްސް މީޓެއް ވެސް ވަނީ ބާއްވާފައެވެ. އަދި މީގެ ކުރިން އަތޮޅު ފުޓްބޯޅަ މުބާރާތްވެސް ބާއްވާފައިވެއެވެ.