ޚަބަރު

ބީއޯސީއާއި އެމްސީބީވެސް ފަވަރައަށް


  • ބޭންކް އޮފް ސިލޯން އަދި މޮރިޝަސް ކޮމާޝަލް ބޭންކް ފަވަރައާއި ގުޅުމަށް ސޮއިކުރީ މިދިޔަ މަހުގެ ކުރީކޮޅު

  • ޕައިލަޓް ޓެސްޓިންގވެސް މި ބޭންކުތަކުން ވަނީ ނިންމާފައި

  • މި ދެ ބެންކާއެކު ޖުމްލަ 5 ބެންކެއް ވަނީ ފަވަރައާ ގުޅިފައި

ރައްކާތެރި އަދި އަވަސް މާލީ މުއާމަލާތްތަކެއް ހިންގުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ތަރައްޤީކޮށްފައިވާ ޤައުމީ ޕޭމަންޓް ނިޒާމް، "ފަވަރަ"ގައި އިތުރު 2 ބޭންކަކުން މިއަދު ބައިވެރިވެއްޖެއެވެ.

އެމްއެމްއޭއިން ޤާއިމްކޮށްފައިވާ ޕޭމަންޓް ނިޒާމް، ފަވަރައިގައި އަލަށް ބައިވެރިވީ ބޭންކް އޮފް ސިލޯން، ބީއޯސީ އަދި މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް، އެމްސީބީއެވެ.

އެމްއެމްއޭއިން ވިދާޅުވީ ބީއޯސީއާއި އެމްސީބީން ފަވަރައިގައި ބައިވެރިވުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަމަހުކަމަށާއި އެ ބޭންކުތަކުން މިހާރު ވަނީ ފަވަރައާ ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް ޕައިލަޓް ޓެސްޓިންގ ނިންމާފައިކަމަށެވެ. އަދި މިއަދުން ފެށިގެން، އެ ދެ ބޭންކުގެ ކަސްޓަމަރުންނަށް ފަވަރަ ޓްރާންސްފަރ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން، ފަވަރަގެ އެންމެހާ ޚިދުމަތްތައް ލިބިގެންދާނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

ބީއޯސީ އާއި އެމްސީބީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާވެސް ވަނީ ފަވަރައާ ގުޅިފައެވެ.

މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އަކީ މާލީ ނިޒާމާއި ބީރަށްޓެހި ފަރާތްތަކަށާއި، ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް، މި ސިސްޓަމް މެދުވެރިކޮށް ހިނގާ ކޮންމެ މުއާމަލާތެއްގެ ފަސޭހަތައް އެއްހަމައެއްގައި ލިބިދިނުމަށް މަގު ފަހިވާގޮތަށް ފަރުމާކޮށްފައިިވާ ސިސްޓަމެކެވެ.

"ފަވަރަ" ޓްރާންސްފާއިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި "ފަވަރަ" ރިކުއެސްޓް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށްވެސް ބިލް ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެއެވެ.