އެސްޓޯނިއާގައި ކުރިއަށްދިޔަ ޔޮނެކްސް އެސްޓޯނިއަން ޔޫތު އިންޓަނޭޝަނަލް މުބާރާތުގެ ޑަބަލްސް ބައިން ރާއްޖޭގެ ލައިބާ އަޙްމަދު މަޚްލޫފް (އެލީ) ހިމެނޭ ޕެއާ ރިހި މެޑަލް ހޯދައިފިއެވެ.
މި މުބާރާތުގެ ޑަބަލްސް ޕެއާގައި ލައިބާ އާއެކު ދެން ކުޅުނީ ޕޮލަންޑުގެ އޮލީވިއާ ޝެސްކާއެވެ. މި ޕެއާއަށް ރިހި ލިބުނީ ޑަބަލްސް ބައިގެ ފައިނަލުގައި އަގޯޓާ އަދި ބީޓްރިސްގެ ޕެއާ އަތުން 2-1 ސެޓުން ބަލިވުމުންނެވެ.
ފައިނަލް މެޗުގެ ފުރަތަމަ ސެޓު ލައިބާގެ ޕެއާ ކާމިޔާބުކުރީ 18-21 އިންނެވެ. ނަމަވެސް އިދިކޮޅު ޕެއާ ވަނީ ޖެހިގެން އައި ދެ ސެޓުގައި ތަފާތު ދައްކައި މެޗުން މޮޅުވެފައެވެ. މި ދެ ސެޓު އެ ޕެއާއިން ކާމިޔާބުކުރީ 10-21 އަދި 12-21 އިންނެވެ.
ލައިބާ ވަނީ މި މުބާރާތުގެ ސިންގަލްސް ބައިގައިވެސް ވާދަކޮށްފައެވެ. މި ބައިގައި ވާދަކޮށް ލައިބާ ވަނީ ގަދަ 16 ބުރުގައި ވާދަކޮށްފައެވެ. ނަމަވެސް އެ ބުރުގައި ވާދަކޮށް ލައިބާ ސިންގަލްސް ބައިން ކެޓީ ވާދަވެރި ކުޅުމަކަށްފަހު 2-1 ސެޓުން ބަލިވެގެންނެވެ.
އެސްޓޯނިއާ މުބާރާތުން ލައިބާ ރިހި މެޑެއްޔެއް ހޯދިއިރު، ދާދި ފަހުން ސްލޮވީނިއާގައި ބޭއްވި ލިނިން މެޑްވޯޑް ކަޕުގެ 13 އަހަރުން ދަށުގެ ސިންގަލްސް ބައިން ލައިބާ ވަނީ ލޯ މެޑަލް ހޯދާފައެވެ. އެއާއެކު މި އަހަރު ލައިބާ ހޯދި މެޑަލްތަކުގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ. އެއީ ދެ ރިހި މެޑެއްޔާއި ފަސް ލޯ މެޑެއްޔެވެ.