ޚަބަރު

ކުރީ ސަރުކާރަށް ކުރި ތުހުމަތުގެ އިންކުއަރީއެއް ހަދަން ގޮވާލާ ޤަރާރު ބަލައިގަނެ ކޮމިޓީއަށް


  • މި މައްސަލަ މިހާރުވަނީ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ފޮނުވާފައި

  • މިޤަރާރު ބަލައިގަތުމަށް 53 މެންބަރުން ވޯޓުދިން

  • މެންބަރުންވެސް ވަނީ އިންކުއަރީ ހެދުމަށް ތާޢީދުކުރާކަން ހާމަކުރައްވާފައި

ނިމިދިޔަ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޤައުމީ ސަލާމަތަށް އަސަރުކޮށްފައިވާ ކަމަށް ބުނެ، ކުރި ތުހުމަތުތަކުގެ ޙަޤީގަތް ދެނެގަނެ، އެކަން ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހެދުމަށް ގޮވާލާ ހުށައެޅި ޤަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

އިންކުއަރީއެއް ހެދުމަށް ގޮވާލާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ހުށައެޅުއްވި ޤަރާޜު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ އިއްތިފާޤުންނެވެ. އެ ޤަރާރު މަޖިލީހަށް ބަލައިގަނެ ވަނީ ދިރާސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.

މި ޤަރާރު މަޖިލީހަށް ހުށައަޅުއްވަމުން މުޣުނީ ވިދާޅުވީ، ރާއްޖޭގެ ސަލާމަތާ މިނިވަންކަމަށް ބުރޫ އަރާފަދަކަމެއް އޭރުގެ ސަރުކާރުން ކޮށްފައިވާވާނަމަ އެކަމެއް ދެނެގަތުމަކީ ގައުމުގެ މަސްލަހަތަށް ކުރެވޭ މުހިންމު ކަމަކަށްވާނެކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ވިއްކާލާފައިވާ ކަމުގެ ތުހުމަތު ކޮށްފައިވާއިރު، އެކަކަންވެސް މި އިންކުއަރީގައި ހިމެނުންމަށް ޤަރާރުގައި ވަނީ ގޮވާލާފައެވެ.

މި ޤަރާރަށް ވާހަކަފުޅުދަކަވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިބްރާޙިމް ރަޝީދު ވިދާޅުވީ ރާއްޖޭގެ ދެނުކުގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުވާލުމުގައި ސީދާ ކުރީ ސަރުކާރުގެ އިޙުމާލު އެބައޮތްކަމަށެވެ. އެއީ ޤައުމީ ސަލާމާތާ ގުޅިފައި އޮތް ކަމެއްކަމަށާއި، އެކަން އޭރުގެ ރައީސަށް އޮޅުވާލިބަޔަކު ހޯދަން ޖެހޭކަމަށް މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. މި ޤަރާރަށް ވާހަކަފުޅު ދެއްކެވި ގިނަމެންބަރުން ވަނީ އިންކުއަރީ ހެދުމަށް ތާޢީދުކޮށްފައެވެ.

"ހަމަޖެހޭ ވާހަކަތައް ދެއްކީމަ ގަބޫލު ކުރެވޭނެ، ވަރަށް ތާއީދުކަމެއް. އޭރުގެ ރައީސް އަށް އޮޅުވާލައިގެން މިކަންކަން ކުރިބަޔަކު ހޯދަން ޖެހޭ. އެކަމަށް ދޮގު ވާހަކަތައް ދެއްކުމުގެ މާނައެއް ނެތް. މުޅިން ރައްޔިތުންނަށް އޮޅުވާލައިގެން ކަންކަން ކުރުމަކުން ޤަބޫލެއް ނުކުރައްވާނެ، އިންޑިއާ ސިފައިން މިޤައުމުގައި އެބަތިބި، އަދި ރާއްޖޭގެ ކަނޑުބައެއް އޮތީ ވިއްކާލާފައި، އެއީ ޔަޤީންކަމެއް އެކަންމިސަރުކާރުން ބަލާނެ އަދި އެމީހުން ބޭރުވެސް ކުރާނެ" މެންބަރުން ވިދާޅުވިއެވެ.

އެމްޑީޕީ މެންބަރުން މިޤަރާރަށް ބަހުސް ކުރައްވަމުން ވަނީ މި އިންކުއަރީގައިވާ ކަންކަން ވީ އެންމެ އަވަހަކަށް ބަލައިދިނުމަށް ގޮވާލައްވާފައެވެ.

ރާއްޖޭގައި އިންޑިއާ ސިފައިންޤާއިމްވެ އެބަތިބިކަމަށާއި، މިހާތަނށް ހޯދުނު ޢަދަދުތަކުން އިންޑިއާ ސިފައިންގެ ޢަދަދު 89އަކަށް އަރާކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. އަދިވެސް އިންޑިއާ ސިފައިން ތިބި ޞައްޙަ ޢަދަދު ނޭނގޭކަމަށާއި، އެކަން ކަށަވަރުކުރަމުން އަންނަކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ގެންދަން އެޤައުމުން އެއްބަސްވެފައިވާކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ. މީގެ އިތުރުން ކުރީ ސަރުކާރުގައި އިންޑިއާއާއެކު ވެފައިވާ ސިޔާސީ އެއްބަސްވުންތަކުގެ ޢަދަދު 100އިން މައްޗަށް އަރާކަމަށްވެސް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.