ޚަބަރު

ނޮވެމްބަރުގެ ނިޔަލަށް، ދައުލަތުގެ އާމްދަނީ 30.5 ބިލިއަން ރުފިޔާއަށް


  • ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 32.4 ބިލިއަން ރުފިޔާ

  • މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބިފައިވަނީ 25.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް

  • ޖުމްލަ ޚަރަދު އުޅެނީ 43.8 ބިލިއަން ރުފިޔާގައި

އަހަރުގެ ފުރަތަމަ 11 މަސްދުވަސް ނިމުނުއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި 30.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

މާލީ ވުޒާރާއިން އާއްމުކުރާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން ނޮވެމްބަރުމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 30.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއަހަރުތެރޭ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 32.4 ބިލިއަން ރުފިޔާއެވެ.

އަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ އާމްދަނީގެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވާ 25.7 ބިލިއަން ރުފިޔާއާއި އަޅާ ބަލާއިރު، 18.5 އިންސައްތަ އިތުރު އަދަދެކެވެ.

މި ރިޕޯޓުގައިވާ ގޮތުން އާމްދަނީގެ ގޮތުގައި އަހަރުގެ މިހާތަނަށް ލިބިފައިވާ އަދަދުގެތެރޭގައި ހިމެނެނީ، ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 22.1 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 7.5 ބިލިއަން ރުފިޔާއާއި، އެހީގެ ގޮތުގައި ލިބުނު 305 މިލިއަން ރުފިޔާއެވެ.

ޓެކްސް ޢާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް، ބީޕީޓީއާއި، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

އާމްދަނީގެ ހިސާބުތައް:

• އިމްޕޯޓް ޑިއުޓީން 3.1 ބިލިޔަން ރުފިޔާ
• ބީޕީޓީގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ
• ޖީއެސްޓީގެ ގޮތުގައި 12 ބިލިއަން ރުފިޔާ
• ގްރީން ޓެކްސްގެ ގޮތުގައި 917.1 މިލިއަން ރުފިޔާ
• އެއަރޕޯޓް ސަރވިސް ޗާޖް އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 894.1 މިލިއަން ރުފިޔާ

މިއަހަރުގެ ނޮވެމްބަރުމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދުތައް ހިނގާފައިވާގޮތުގެ ތަފްސީލަށް ބަލާއިރު، ޖުމްލަ ޚަރަދު އުޅެނީ 43.8 ބިލިއަން ރުފިޔާގައެވެ.

އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދަށް ހިނގި 28.6 ބިލިއަން ރުފިޔާއާއި، ކެޕިޓަލް ޚަރަދަށް ހިނގި 13.2 ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 10.9 ބިލިއަން ރުފިޔާއާއި، އިދާރީ ހިންގުމަށް ހިނގާފައިވާ 17.1 ބިލިއަން ރުފިޔާއެވެ.

ކެޕިޓަލް ޚަރަދުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދެވެ.