ޚަބަރު

މަސްވެރި ސިނާޢަތަށް ޖުމްލަ ހައްލެއް ގެންނާނީ ހުރިހާ ބާވަތެއްގެ މަސްވެރިކަންވެސް ހިމެނޭގޮތަށް: ޝިޔާމް


  • މަސްވެރިންނަށް ހުރި ގޮންޖެހުންތައް ހައްލުކޮށްދެއްވާނެ ކަމަށް

  • ނުދެވި ހުރި ފައިސާގެ ތެރެއިން 136 މިލިއަން މިހާރުވަނީ ދޫކޮށްފައި

  • މިދާއިރާއަށް ރާވާފައިވާ ކަންކަން ހިއްސާކުރެއްވި

މަސްވެރިކަމުގެ ސިނާޢަތަށް ޖުމްލަ ޙައްލެއް ގެންނަވާނީ، ހުރިހާ ބާވަތެއްގެ މަސްވެރިކަންވެސް ހިމެނޭގޮތަށްކަމަށް މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ މަސްވެރިކަމުގެ ސިނާއަތަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، މަސްވެރިން ކިރުވާފައިވާ މަހަށް ގިނަ އަދަދެއްގެ ފައިސާ ނުދެވި ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ޝިޔާމް ވިދާޅުވީ ނުދެވި ހުރި ފައިސާގެ ތެރެއިން މިހާތަނަށް 136 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

މަސްވެރިންނަށް މުހިއްމީ ފައިސާ ލިބޭނެ އަވަސް އިންތިޒާމެއް ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

" މަސްވެރިން އެދެނީ މަސް ބާނާގެން ކިރާލީމައި ފައިސާ ލިބޭނެ އިންތިޒާމެއް، މަސް ކިރާލާފައި މަހަށް ފުރޭނެ ނިޒާމެއް، މަސްވެރިން ނުސީދާކޮށް މި ބުނަނީ މަސް ކިރާ ފެސިލިޓީތަކުގެ އެފިސެންސީ ރަނގަޅުކޮށްދިނުމަށް، ކިޔުގައި ޖެހެން ނުޖެހެންޔާ މަހުގެ އަގުގެ ވާހަަކަ ނުދައްކާނެ ކަމަށް،" މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމު ވަނީ ރާއްޖޭގައި ތަފާތު އެކި ބާވަތްތަކުގެ މަސްވެރިކަން ކުރާ ފަރާތްތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށްވެސް ވިދާޅުވެފައެވެ.

" ފަރުމަސްވެރިކަން ކުރާ ފަރާތްތައް އެބަ ވިދާޅުވޭ، ތިމަންނަމެން މީ އުޅޭ ބައެއްކަން ނޭގެނީތޯ، ފާނަ މަސްވެރިކަން ކުރާ ފަރާތްތައްވެސް މިހެން ވިދާޅުވެ، އަޅުގަނޑުމެން މި މަސައްކަތްކުރަނީ ޖުމަލް ހައްލެއް ހޯދައިދިނުމަށް، އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރާ ފަރާތެއް ބާކީއެއް ނުވާނެ،" މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ވުޒާރާގެ މެންޑޭޓަށް ގެނެސްފައިވާ ބަދަލާއެކު އިތުރު ދާއިރާތައް ހޯދާ އޭގެ މަންފާ ހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

މަސްވެރިންގެ ދުވަހުގެ ޖަލްސާގައިވަނީ މަސްވެރިކަމުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކަށް އެވޯޑުތައް ދީފައެވެ. އެގޮތުން ޒުވާން ކެޔޮޅުގެ އެވޯޑު ހާސިލްކޮށްފައިވަނީ ގއ. ގެނަމަފުށީ، އިސްމާއިލް ޔާމިނެވެ.

މިހާރުވެސް މަސްވެރިކަމުގައި ހަރަކާތްތެރިވާ، ތަޖުރިބާގެގޮތުން އެންމެ ފާހަގަކޮށްލެވޭ ކެޔޮޅުގެ އެވޯޑު ހާސިލްކޮށްފައިވަނީ ކ. ގާފަރު، ޔައުޤޫބު އަބްދުލް ކަރީމް، އަދި ގދ. ފަރެސްމާތޮޑާ ހުސެއިން މަނިކެވެ.

މިދިޔަ އަހަރު ދޮށީގެ މަސްވެރިކަމުގައި އެންމެ ގިނައިން މަސް ކިރުވި ދޯނީގެ އެވޯޑު ހާސިލްކޮށްފައިވަނީ 1490 ޓަނުގެ މަސް ކިރުވައިގެން ގދ. މަޑަވެލި، ކަމަނަ ދޯނިއެވެ. ދެވަނަ އަށް އެންމެ ގިނައިން މަސް ކިރުވި ދޯނީގެ އެވޯޑު ހާސިލްކޮށްފައިވަނީ 1460 ޓަނުގެ މަސް ކިރުވައިގެން ގދ. މަޑަވެލި ޓީ.އެސް ލައިން ދޯންޏެވެ. ތިންވަނައަށް އެންމެ ގިނައިން މަސް ކިރުވި ދޯނީގެ އެވޯޑު ހާސިލްކޮށްފައިވަނީ 1200 ޓަނުގެ މަސް ކިރުވައިގެން ގދ. ތިނަދޫ އަސްދާނު ދޯންޏެވެ.

މިދިޔަ އަހަރު ކަންނަލީގެ މަސްވެރިކަމުގައި އެންމެ ގިނައިން މަސް ކިރުވި ދޯނީގެ އެވޯޑު ހާސިލްކޮށްފައިވަނީ އދ. މަހިބަދޫ، އަސުުރުމާ- 3 ދޯނިއެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް މަސް ކިރުވާފައިވަނީ އއ. ރަސްދޫ، ޒޫމް ފިޝާ ދޯނިއެވެ. ތިންވަނަ އަށް އެންމެ ގިނައިން މަސް ކިރުވާފައިވަނީ ބ. ތުޅާދޫ، ހައިސަމް ދޯނިއެވެ.

މީގެއިތުރުން މަސްވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެކި ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން މި ޖަލްސާގައިވަނީ ހަދާނީ ފިލާ ހަވާލުކޮށްފައެވެ.