ޚަބަރު

ކުށްކުރުން މަދުކުރުމަށް ޖަލުތަކުގެ ބަދަލުގައި ފަރުވާދޭ ފެސިލިޓީތައް ޤާއިމްކުރަންޖެހޭ: މިނިސްޓަރ


  • ވަޒީރު މިހެން ވިދާޅުވީ އެޗްއާރުސީއެމުން ބޭއްވި ހަފްލާގައި

  • ވަޒީރުވަނީ މިންގަނޑުތަކުން ބޭރުވުމަށް ފުރުސަތު ނުދެއްވާނެ ކަމަށް

  • ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށްޓަކައި ޕޯޓަލްއެއް ވަނީ ލޯންޗުކޮށްފައި

އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް އަމަލުކުރުމަށް ބާރު އަޅާނެ ކަމަށާއި، މިދާއިރާއިން ހާސިލްކުރަން ބޭނުންވާ ކަންތައްތަކަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އަލީ އިހުސާން މިހެން ވިދަޅުވީ އިންސާނީ ޙައްޤުތަކުގެ އާންމު ޤަރާރު، ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއަށް 75 އަހަރު ފުރުމާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް 20 އަހަރު ފުރުމާއި، ދިވެހިރާއްޖޭގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) ހިއުމަން ރައިޓްސް ކޮމިޝަނުގައި ގާއިމު ކުރިތާ 15 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ޔޫއެން މޯލްޑިވްސްއާއި ގުޅިގެން ބޭއްވި މި ހަފްލާގައި ދާޚިލީ ސަލާމަތާއި ބެހޭ ވުޒާރާގެ ވަޒީރު އަލީ އިހުސާން ވިދާޅުވީ، ރާއްޖޭގައި ޖަލުތަކުގެ ބަދަލުގައި އެހީ ބޭނުންވާ ފަރާތްތަކަށް ހާއްސަ ފެސިލީތަކެއް ޤާއިމްކުރަންޖެހޭކަމަށެވެ.

" ޖަލުތަކުގައި އެއްވެސް ބަޔަކު ތިބެން ޖެހޭ ކަމަކަށް ގަބޫލެއް ނުކުރަން، ދެކެން ބޭނުންވަނީ ޖަލުތަކަށް މީހުން ލުން ހުއްޓާލާ މުޖުތަމައުއެއް، އޭގެ ބަދަލުގައި އެހީ ބޭނުންވާ މީހުންނަށް ފެސިލިޓީތައް ޤާއިމްވެ، އެކި ދާއިރާތަކުން މީހުންނަށް އެހީތެރިކަން ލިބިގެންދާ ދުވަހެއް" ވަޒީރު އިހުސާން ވިދާޅުވިއެވެ.

ވަޒީރު އިހުސާން ވިދާޅުވީ އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް އަމަލުކުރުމަށް ބާރު އަޅުއްވާނެ ކަމަށެވެ. އަދި އިންސާނީ ހައްޤުތަކުގެ ދާއިރާއިން ކުރިއަށް އޮތް އަހަރުތަކުގައި ގިނަ ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މިންގަނޑުތަކުން ބޭރު ވެގެން ދިޔުމަށް ފުރުސަތު ނުދޭނަން، ސަރުކާރުން އެކަމަށް ޖާގައެއް ނުދޭނެ،" އިހުސާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެންޕީއެމްއިން ދައުލަތުގެ މުއައްސަސާތަކަށް ހުށަހަޅާ ހުށަހެޅުންތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށްޓަކައި އެކުލަވާލެވުނު ޕޯޓަލްއެއް ވަނީ ލޯންޗުކޮށްފައެވެ.

މި ޕޯޓަލް އެކުލަވާލުމުގެ މަޤްސަދަކީ، މެނުއަލްކޮށް މައުލޫމާތު އެއްކޮށް ރެކޯޑް ކުރުމުގެ ބަދަލުގައި، އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުންތައް ތަންފީޛުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ކަމާގުޅޭ މުއައްސަސާތަކުން އެންޕީއެމްއާ ހިއްސާކުރަމުން ގެންދިއުމަށް ފަސޭހާ ނިޒާމެއް ގާއިމުކުރުމެވެ.

މި ހަފްލާގައި އެސޯސިއޭޝަން ފޯ ދަ ޕްރިވެންޝަން އޮފް ޓޯޗާ (އޭޕީޓީ) އަދި ޔޫއެން ސަބް ކޮމިޓީ އޮން ދަ ޕްރިވެންޝަން އޮފް ޓޯޗާ (އެސްޕީޓީ) ގެ މަންދޫބުންނާއި، ހައިކޮމިޝަން އަދި އެމްބަސީތަކުގެ ސަފީރުންގެ އިތުރުން ސަރުކާރުގެ އިދާރާތަކުންނާއި، ޔޫއެންގެ ކަމާ ގުޅުން ހުރި އެކި އޮފީސްތަކުގެ މަންދޫބުންނާއި ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން (ސީއެސްއޯ) ތަކުން ބައިވެރިވެފައިވެއެވެ.

އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް ބައިނަލްއަޤުވާމީގޮތުން ބަލައިގަންނަ އަދި ރައްކާތެރިކޮށްދޭންޖެހޭ ޙައްޤުތައް އެންމެ ފުރަތަމަ ކަނަޑައެޅިގެން ދިޔައީ 10 ޑިސެމްބަރ 1948 ގައި އދ. ޢާއްމު މަޖިލީހުގެ ޖަލްސާއިން ފާސްކޮށް އިޢުލާނު ކޮށްފައިވާ އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރުގައެވެ. އެގޮތުން، މި އަހަރަކީ މި ޤަރާރު އދ. ގެ އާންމު މަޖިލީހުން ބަލައިގަތްތާ 75 އަހަރު ފުރޭ ތާރީޚީ ދުވަހެވެ.