ޚަބަރު

ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލު ރައީސް ތަޞްދީޤް ކުރައްވައިފި


މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގެ އެއްގަމާއި ކަނޑު ދަތުރުފަތުރުގެ އެންމެހައި ކަންކަމުގެ ސަލާމަތާއި ރައްކާތެރިކަމާއެކު ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގައި ބެލެހެއްޓުމަށާއި އަދި އެއްގަމާއި ކަނޑު ދަތުރުފަތުރާގުޅޭ ކަންކަން ތަންޒީމުކުރުމަށްޓަކައި ޤާނޫނަކުން އުފައްދާ އިދާރާއަކުން ކަމާގުޅޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓިގެން ދާނެއެވެ. އަދި މި ޤާނޫނުގެ ދަށުން، ޓްރާންސްޕޯޓް އޮތޯރިޓީ ހިންގާ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނަވާނީ ޑިރެކްޓަރ ޖެނެރަލެއް ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، އެ އޮތޯރިޓީގެ ސިޔާސަތުތައް ކަނޑައެޅުމަށާއި އޮތޯރިޓީ ހިންގުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުމަށް ޓަކައި ބޯޑެއް އެކުލަވައިލަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ. އެ ބޯޑުގައި 5 މެމްބަރުން ތިއްބަވާއިރު، ބޯޑަށް މެމްބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ މިދިޔަ މާރޗްމަހުގެ 21 ވަނަ ދުވަހުގައެވެ.