ޚަބަރު

އެންޑޮމެޓްރިއޯސިސް އަދި ޕީސީއޯއެސް ފަރުވާއަށް އާސަންދަ ދޭން ނިންމައިފި


އަންހެނުންނަށް ދިމާވާ ސިއްޙީ މައްސަލަތަކަށް އާސަންދައިން ފުލް ކަވަރޭޖު ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ އަންނެހުންނަށް ދިމާވާ ސިއްޙީ ބައެއް މައްސަލަތައްކަމަށްވާ ޕޯލިސްޓިކް އޮވަރީ ސިންޑްރޯމް (ޕީސީއޯއެސް) އާއި، އެންޑޮމެޓްރިއޯސިސްއަށް އާސަންދަ ފުލް ކަވަރޭޖު ދިނުމަށް ކެބިނެޓުން ނިންމާފައިވާކަމަށެވެ.

ފިރުޒުލް ވަނީ ފާއިތުވި ދެ އަހަރު އެ ބައްޔަށް ފަރުވާ ހޯދާފައިވާ މީހުންގެ ޢަދަދު ގިނަކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އެމީހުންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ، އެ ފަރުވާއަށް އާސަންދަ ފުލް ކަވަރޭޖު ނުލިބުންކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

"މިހާރުގެ ހާލަތަށް ބަލާނަމަ އެ ޑައިގްނޯސްކުރެވޭ ގޮތެއްގެ ސަބަބުން އެންމެ ފުރިހަމައަށް އާސަންދަ ތެރެއިން ކަވަރޭޖު ލިބިގެނެއް ނުދޭ. މިއީ އަންހެން ބޭފުޅުންގެ ތެރެއިން ގިނަބަޔަކު ވޭތުވެދިޔަ ދެ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު ގިނަ ޢަދަދަށް ފަރުވާ ހޯދާފައިވާ މައްސަލަތަކެއްކަން ފާހަގަކުރެވޭ." ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވިއެވެ.

މި ދެފަރުވާ އާސަންދައިން ދިނުމަށް ނިންމި ނިންމުމަކީ، ދަރިމައިވުމުގެ ފަރުވާއާއި އައިވީއެފް އާސަންދައިން ލިބޭނެގޮތް ފަހިކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމުގެ އެއްބައިކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.

އަންހެނުންނަށް ދިމާވާ ސިއްޙީ މައްސަލަތަކަށް މުޖުތަމަޢު ހޭލުންތެރިކުރުމުގެ މުހިންމުކަން ކެބިނެޓުން ފާހަގަކުރައްވާކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ސިއްޙީ ޚިދުމަތްތެރިންނާއި ޢާންމުންގެ ތެރޭގައި މިކަންކަމަށް ހޭލުންޔެރިކަން އިތުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

މިފަރުވާތަކާއެކު އާސަންދައއިން ކުރާ ޖޭދަ ބޮޑުވެ ބަޖެޓަށް ބުރަ ބޮޑުވާނެކަމަށް ނުސްވެރިން ފާހަގަކުރެއްވުމުން، އެކަމަށް އިޝާރާތްކުރައްވާ ފިރުޒުލް ވިދާޅުވީ ބޭސްފަރުވާއަށް މިއަހަރު 3 ބިލިއަނެއްހާ ރުފިޔާ ހޭދަކުރާކަމަށެވެ. ފިރުޒުލް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންކަމަށް އާސަންދަ ނުލިބޭކަމުގެ ޝަކުވާ ރައްޔިތުން އަބަދުވެސް ކުރާކަމަށާއި، އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ރައްޔިތުން ބޭނުންވާ ކަންކަމަށް އާސަންދަ ތެރެއިން ދޭ ކަވަރޭޖު އިތުރުކުރުންކަމަށެވެ. މީގެ އިތުރުން އާސަންދަ ނިޒާމް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން އާސަންދައިގެ ޚަރަދު ކުޑަކުރެވޭނެކަމަށް ސަރުކާރުން ޤަބޫލުކުރާކަމަށާއި، އެގޮތުން އިދާރީ މެނޭޖުމަންޓު ކަންކަން ރަނގަޅުކުރުން ފަދަ ކަންކަމުން ޚަރަދު ކުޑަކުރާނެކަމަށް ފިރުޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން ޚަރަދު ކުޑަކުރުމުގެ ގޮތުން ޕޯލިސްޓިކް އޮވަރީ ސިންޑްރޯމް (ޕީސީއޯއެސް) އާއި، އެންޑޮމެޓްރިއޯސިސް ފަރުވާގެ ތެރެއިން ބޭސް ބަލްކުކޮށް ޕްރޮކިއުމަންޓްކުރުމާ ބޭސްއަގު ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމަށް ފިރުޒުލް ވިދާޅުވިއެވެ.