ޚަބަރު

އެލައިޑްގެ މެނޭޖިން ޑިރެކްޓަރަކަށް ޙުސައިން ލުވައިޒް


  • ލުވައިޒް އެލައިޑާއި ގުޅުނީ 2002 ވަނަ އަހަރު

  • އޭގެ ފަހުން، އޭނާ ވަނީ އެކި މަޤާމުތައް ފުރުއްވާފައި

  • އޭނާ ވަނީ އޮސްޓްރޭލިއާ، މެލޭޝިއާ އަދި ނިއު ޒީލޭންޑުން، ތަޢުލީމު ޙާސިލްކުރައްވާފައި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ދަށުން ހިންގާ އެލައިޑް އިންޝުއަރެންސް ކޮންޕެނީގެ މެނޭޖިން ޑިރެކްޓަރަކަށް ޙުސައިން ލުވައިޒް އައްޔަންކޮށްފިއެވެ.

ޙުސައިން ލުވައިޒް އެލައިޑް ކުންފުނީގައި މަސައްކަތް ކުރަން ފެށީ 2002 ވަނަ އަހަރުއެވެ. އެލައިޑްގައި މަސައްކަތް ކުރަން ފެށިފަހުން ލުވައިޒް ވަނީ، އެ ކުންފުނީގެ އެކިއެކި މަޤާމުތައް އަދާކުރައްވާފައެވެ. އެގޮތުން، ލުވައިޒް ވަނީ އެލައިޑް ކުންފުނީގެ މެނޭޖަރ އޮފް ޖެނެރަލް ކްލެއިމްސްގެ މަޤާމު ފުރުއްވާފައެވެ.

ޙުސައިން ލުވައިޒް ތަޢުލީމު ޙާސިލްކުރެއްވީ އޮސްޓްރޭލިއާގެ ޗާޓަރޑް އިންޝުއަރެންސް އިންސްޓިޓިއުޓްއިންނެވެ. އަދި ނިއުޒިލޭންޑްގެ އިންސްޓިޓިއުޓް އޮފް އިންޝުއަރެންސް އެންޑް ފައިނޭންސްއިންނާއި، މެލޭޝިއާގެ އިންޝުއަރެންސް އިންސްޓިޓިއުޓްއިންވެސް ލުވައިޒް ވަނީ ތަޢުލީމު ޙާސިލްކުރައްވާފައެވެ.

ޙުސައިން ލުވައިޒް މަޤާމާއި ހަވާލުވުމާއި ހިސާބަށް، އެލައިޑްގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވީ މުޙައްމަދު ޝަފާޒެވެ.

އެލައިޑް އިންޝުއަރެންސް ކުންފުންޏަކީ އެސްޓީއޯގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުންޏެކެވެ. އެލައިޑްއަކީ މިހާރު ރާއްޖޭގައި އިންޝުއަރެންސްގެ ޚިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުންޏެވެ.