ޚަބަރު

މަސްވެރިންނަށް ދޭންޖެހޭ 240 މިލިއަން ރުފިޔާގެ ތެރެއިން ބޮޑުބައެއް މި ސަރުކާރުން ދީފި


  • ކުރީ ސަރުކާރުން އޮތީ މަސްވެރިންނަށް 247 މިލިއަނެއްހާ ރުފިޔާ ނުދީ

  • ސަރުކާރުގެ ފުރަތަމަ 3 ހަފްތާގެ ތެރޭގައި 106 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި

ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި 240 މިލިއަނެއްހާ ރުފިޔާގެ ތެރެއިން މިހާތަނަށް 100 މިލިއަަނަށްވުރެ ގިނަ ރުފިޔާ މި ސަރުކާރުން މަސްވެރިންނަށް ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، "މަސްވެރިންގެ ގުންޒަރު"ގައި މަސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއްވާގޮތުގައި މިއަހަރު އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން މި ސަރުކާރު ހަވާލުވުމާއި ހަމައަށް މަސްވެރިންނަށް ދޭންޖެހޭ 247 މިލިއަނެއްހާ ރުފިޔާ އޮތީ ނުދީކަމަށެވެ. އެހެންކަމުން މި ސަރުކާރުން އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން މަސްވެރިންނަށް ނުދީ ހުރި ފައިސާ ދޫކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރީ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 247 މިލިއަން ރުފިޔާގެ ތެރެއިން މި ސަރުކާރުން މިހާރުވެސް 106 މިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވާކަމަށެވެ. އަދި ބާކީ ނުދީ އޮތް 140 މިލިއަނެއްހާ ރުފިޔާ ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ވެރިކަމާ ހަވާލުވެ އެންމެ ފުރަތަމަ ފެށި މަސައްކަތުގެ ތެރޭގައި ހިމެނޭ، އެގޮތުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިހާރުވާނީ ދޭންފަށާފައި މިހާރު ގާތްގަނޑަކަށް ބާކީ ހުރީ 140 މިލިއަނެއްހާ ރުފިޔާ، އެފައިސާ ދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުން" ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ ކަންބޮޑުވުން އަބަދުވެސް ފާޅުކުރަމުން އަންނައިރު މީގެ މައިގަނޑު އެއް ސަބަބަކީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ދިމާވެފައިވާ މާލީ މައްސަލަތަކެވެ.

މި ފޯރަމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އަޙުމަދު ސަމާޙް ވިދާޅުވީ، މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ގަބޫލު ކުރާކަމަށެވެ. އަދި މިފްކޯއިން އަމާޒުކޮށްފައިވަނީ އެކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހަދާ، މަސްވެރިންނަށް ދިމާވާ އެކި ދަތިތައް ޙައްލުކޮށްދެއްވުންކަމަށްވެސް ސަމާހު ވިދާޅުވިއެވެ.

ސަމާޙް ވިދާޅުވީ މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރުމުގެ އިތުރުން، އެއަށްވުރެ މަތީ އަގެއް ދިނުމަކީވެސް ކުންފުނީގެ އަމާޒެއްކަމަށެވެ.

"ސަރުކާރުގެ މަސްކުންފުނި މިފްކޯއަކީ ގެއްލުމުގައި ހިނގާ ކުންފުންޏެއްގެ ބަދަލުގައި ރަގަޅު ނަފާއެއް ނެރޭ ކުންފުންޏަކަށް ހަދާ މަސްވެރިން މިފްކޯއާ ދޭތެރޭދެކޭދެކުން ބަދަލުކޮށްލާނަން، އަދި މަހުގެ އަގު 20 ރުފިޔާއިން މަތިނުކޮށް ދެވެން އޮތް އެންމެ މަތީ އަގެއް ކަނޑައެޅުން އެއީ އަމާޒެއް" މިފްކޯގެ ސީއީއޯ ޝަމާޙް ވިދާޅުވިއެވެ.

މިފްކޯގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ވަނީ އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި މިފްކޯ އޮންނަ އޮތުން ބަދަލުކޮށް، ވަކި ކުންފުންޏަކަށް މިފްކޯ ބަދަލުކޮށްފައެވެ.

މަސްވެރީންގެ ގުންޒަރުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވަނީ، މިރޭ ބާއްވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި، މަސްވެރިކަމުގެ ދާއިރާއަށް މުހިންމު ގިނަ ކަންތައްތަކެއް ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާނޭކަން ހާމަކުރައްވާފައެވެ.